ޓިކްޓޮކްގައި ދިވެހީންގެ މެދުގައި މިދުވަސްކޮޅު އެންމެ މަގުބޫލު އެއް ކޮންޓެންޓް ކްރިއޭޓަރަކީ ނާރާ ސްމިތެވެ. ތަފާތު އެއްޗެހި ކައްކައިގެން އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ މި ޒުވާން ކްރިއޭޓަރުގެ މުޅި ޕްރޮފައިލްއަކީ ކޮޕީއެއް ކަމަށް ބުނެ އޭނާއަކީ ފޭކެއް ކަމުގެ ތުހުމަތު އަޅުވައިފިއެވެ.
އެމެރިކާގެ ޒުވާން ޓިކްޓޮކް ކްރިއޭޓަރު ނާރާ މަގުބޫލުވެފައިވަނީ އޭނާގެ ކެއްކުމުގެ ހުނަރަށެވެ. ޚާއްސަކޮށް ކައްކާ އެއްޗަކަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް އަމިއްލައަށް ތައްޔާރު ކުރުމަށެވެ. މިސާލަކަށް ބޯބާ ބޯން ބޭނުންވެއްޖެ ނަމަ އެއަށް ބޭނުންވާ ބޯބާ ވެސް އަމިއްލައަށް ތައްޔާރުކުރުމުގެ އިތުރުން ހެނދުނު ސަޔަށް ސީރިއަލް ކާން ބޭނުންވާނަމަ ސީރިއަލް ވެސް އަމިއްލައަށް ތައްޔާރުކުރެއެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި މިވަގުތު ތުހުމަތު ކުރަނީ ނާރާގެ ހުރިހާ ކޮންޓެންޓަކީ އެހެން ކުދި ކްރިއޭޓަރުންތަކުންގެ އެއްޗެހި ކޮޕީ ކޮށްގެން ހަދާފައިވާ ޓިކްޓޮކްގެ ގޮތުގައެވެ.
އެންމެ ބޮޑު އެއް ތުހުމަތަކީ ނާރާ ސްމިތުގެ އަމިއްލަ ސޯޝަލް މީޑިއާ މިޒާޖާއި އުޅުމާއި ވާހަކަ ދެއްކުމުގެ އަދަބުތަކަކީ ވެސް އެހެން ކްރިއޭޓަރެއް ކޮޕީކޮށްގެން އުފައްދާފައިވާ ފޭކް އެއްޗެއް ކަމަށެވެ. ނާރާ ސްމިތު ކޮޕީ ކުރި ކަމަށް މީހުން ތުހުމަތުކުރަނީ، ދެކުނު އެފްރިކާގެ ކްރިއޭޓަރެއް ކަމަށްވާ އޮނެޒްވާ އެމްބޯލާއެވެ.
އޮނެޒްވާ މީގެކުރީން ތައްޔާރުކޮށްފައިވާ ހުރިހާ އެއްޗެއްހެން ނާރާ ވަނީ ކޮޕީ ކޮށްފައި ކަމަށް އާންމުން ކުރާ ތުހުމަތުތަކުގައި ބުނެއެވެ. އެއާއެކު އޮނެޒްވާގެ ވާހަކަ ދެއްކުމުގެ އަދަބުތަކާއި ގެންގުޅޭ ސްޓައިލް އާއި ރެކޯޑު ކުރުމުގެ ހުރިހާ ކަމެއް ވެސް ކޮޕީ ކޮށްފައިވާ ކަމަށް ބުނެއެވެ.
އޮނެޒްވާ ވެސް ކާއެއްޗެހި ޕޯސްޓު ކުރާއިރު އޭނާ އެއްޗެހި ތައްޔާރު ކުރަނީ އަމިއްލައަށް ހައްދާ ތަރުކާރީ އާއި މޭވާގެ އިތުރުން އަމިއްލައަށް ހިފާ މަހާއި އަމިއްލައަށް ކަތިލާ ކުކުޅު ފަދަ އެއްޗެހި ބޭނުން ކޮށްގެނެވެ.
މި ތުހުމަތުތައް ރައްދުވާން ފެށުމުން ނާރާ ބުނީ އޭނާއަށް އޮނެޒްވާ ނޭނގޭ ކަމަށެވެ. ނަމަވެސް މީގެ އެތައް މަހެއް ކުރީން ނާރާ ވަނީ އޮނެޒްވާގެ އުފެއްދުންތަކަށް ކޮމެންޓުވެސް ކޮށްފައެވެ.
މިކަމަށް އޮނެޒްވާ ވަނީ ދާދިފަހުން ރައްދު ދީފައެވެ. އޭނާ ބުނިގޮތުގައި އޭނާގެ ކޮންޓެންޓު ކޮޕީކޮށް އެއީ އެހެންމީހުން އަމިއްލަ އެއްޗެހީގެ ގޮތުގައި ޕްރޮމޯޓު ކުރަން އުޅުމަކީ އޭނާއަށް އާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ހަގީގަތް އަބަދުވެސް ހާމަވާނެ ކަމަށް އޭނާ ބުންޏެވެ.
ސޯޝަލް މީޑިއާގައި މިވަގުތު ނާރާއަށް އަންނަނީ އެކި ކަހަލަ ފާޑުކިޔުންތައް ރައްދުވަމުންނެވެ.