ޝަލަބީގެ ސާހިބާ އަޑުއަހާލައިފިންތަ؟

ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޒުވާން ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ އާ ސިންގަލް އެއް ރިލީޒް ކޮށްފިއެވެ.

ސްޓްރީމިން ސާވިސް "ސައުންޑްކްލައުޑް" އަށް ރިލީޒް ކޮށްފައިވާ އޮރިޖިނަލް ލަވައަކީ "ސާހިބާ" އެވެ. އަމިއްލަ ރާގަށް ތައްޔާރު ކޮށްފައިވާ މި ލަވަ އަކީ މިހާރު ލައިވް ކޮށްފައިވާ ލަވައަކަށް ވާއިރު ސައުންޑްކްލައުޑް މެދުވެރިކޮށް ހިލޭ ސްޓްރީމް ކޮށްލެވޭނެ ލަވައެކެވެ.

ގާތްގަނޑަކަށް ފަސް މިނެޓުގެ ސާހިބާ އަކީ މަޑުމައިތިރި ލޯބީގެ ލަވައެކެވެ. މި ލަވައިގައި ކިޔައިދެނީ ދެމަފިރިއެއްގެ ދެމެދުގައި ދެމެދުގައި އޮންނަ ލޯބީގެ ވާހަކައެވެ. އެގޮތުން ލޯބިވެރިއަކަށް ކިޔައިދޭ ލޯބީގެ ވާހަކަތަކެއް ވެސް މި ލަވައިން ސިފަ ކޮށްދެއެވެ.

ސާހިބާ މި ލަވައިގެ ރާގު ތައްޔާރު ކޮށްފައިވަނީ މޫސާ ރަފީއު އެވެ. ލަވައިގެ މިއުޒިކް ތައްޔާރުކޮށް ލަވަ ފަރުމާ ކޮށްފައިވަނީ ވެސް މޫސާ ރަފީއު އެވެ. ލަވައިގެ ރެކޯޑު ކުރުމާއި މިކްސިންގެ އިތުރުން މާސްޓަރިން ހަދާފައިވަނީ "ސައުންޑް އޭޝިއާ ސްޓޫޑިއޯ" އިންނެވެ. މިއީ ސްރީ ލަންކާގެ ރެކޯޑިން ސްޓޫޑިއޯ ކުންފުންޏެކެވެ.

މޯލްޑިވިއަން އައިޑަލްއިން ބޮޑު މަގުބޫލު ކަމެއް ހޯދި ޝަލަބީ އަންނީ އަމިއްލަ މިއުޒިކްގެ އިތުރުން މަދަހަ އުފައްދައި އެ ކިޔުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަމިއްލައަށް މަދަހަ ކިޔުމުގެ އިތުރުން އަތޮޅުތެރޭގައި މަދަހަ ކިޔައިދިނުމަށް އެކި ކްލާސްތައް ވެސް ޝަލަބީ އަންނަނީ ނަގައިދެމުންނެވެ.

ޝަލަބީ އަކީ ދިވެހި ލަވަކިޔުންތެރިންނާއި ފަންނާނުންގެ ހައްގުގައި ވާހަކަ ދައްކާވެސް ޒުވާނެކެވެ. އެގޮތުން ދިވެހި ފަންނާނުންނަށް އާމްދަނީ ލިބުމުގައި ހުރި ދަތިތަކާއި އެ ދަތިތައް ހައްލު ކުރުމަށް ޕްރޮޑަކްޝަން ކުންފުނިތަކުން އެހީތެރިކަން ދޭނެ ގޮތްތަކާ މެދުގައި ވެސް ޝަލަބީ ވަނީ ވާހަކަ ދައްކާފައެވެ.

comment ކޮމެންޓް