އުރީދޫއިން ޑިޖިޓަލް އައިލަންޑްގެ ލަގަބު ދިން ފުރަތަމަ ރަށަކަށް ލަންދޫ

އުރީދޫގެ ޑިޖިޓަލް އައިލަންޑްގެ ލަގަބު ދިން ފުރަތަމަ ރަށަކީ ލަންދޫ: އުރީދޫއިން ވަނީ ލަންދޫ ކައުންސިލަށް ހަނދާނީ ފިލައެއް ހަވާލުކޮށްފައި -- ފޮޓޯ/ އުރީދޫ

އުރީދޫއިން ފުރަތަމަ ފަހަރަށް ޑިޖިޓަލް އައިލަންޑްގެ ލަގަބު، ނ. ލަންދުއަށް ދީފިއެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު، ލަންދޫއަކީ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ގޮތުގައި ފާހަގަކުރުމުގެ ގޮތުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުލް އަޒީޒަށް ޚާއްސަ ފިލައެއް އަރުވައިފައިވާ ކަމަށެވެ.

މީގެ އިތުރުން ލަންދޫގެ ރަސްމީ ވެބްސައިޓް ވެސް ނިޔާޒު އިފުތިތާހުކޮށްދެއްވި ކަމަށް އުރީދޫއިން ބުންޏެވެ.

އެ ޚާއްސަ ލަގަބު އެންމެ ފުރަތަމަ ލަންދުއަށް ދިނީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް، ޕަވާޑް ބައި އޭއައި ކެމްޕެއިންގެ ދަށުންނެވެ.

ޑިޖިޓަލް މާހައުލުގައި އެންމެންގެ ބައިވެރިވުން އިތުރުކޮށް، ބާރުވެރިކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް މި ޕްރޮޖެކްޓުން އަލިއަޅުވައިލެވިފައިވާ ކަމަށް އުރީދޫއިން ބުންޏެވެ.

ލަންދޫ ކައުންސިލާ ގުޅިގެން އުރީދޫއިން އިސްނަގައިގެން ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ، ޚާއްސަކޮށް ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ވިޔަފާރި ފަދަ ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުން ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ޚިދުމަތްތަކުގެ ބޭނުން ހިފައި، އާ ޑިޖިޓަލް ޒަމާނުގައި އޭއައިގެ އެހީގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް