އުރީދޫއިން އެއާ އެމްބިއުލަންސް ޚިދުމަތަށް 16 މިލިއަން ރުފިޔާގެ އިކުއިޕްމަންޓް ހަދިޔާކޮށްފި

އުރީދޫގެ އިސްވެރިންނާއި ބައެއް މިނިސްޓަރުން: އުރީދޫއިން ވަނީ އެއާ އެމްބިއުލަންސް ޚިދުމަތަށް 16 މިލިއަން ރުފިޔާގެ އިކުއިޕްމަންޓް ހަދިޔާކޮށްފައި -- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސްއިން ދިވެހި ސަރުކާރުގެ އެއާ އެމްބިއުލާންސް ޚިދުމަތަށް 16 މިލިއަން ރުފިޔާގެ އިކުއިޕްމަންޓު ހަދިޔާކޮށްފިއެވެ.

އުރީދޫއިން ބުނީ، އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ދަށުން މިއަދު ހަދިޔާކުރި ސްޕެޝަލައިޒްޑް އިކުއިޕްމަންޓްގެ އާ ބެޗަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ޚިދުމަތް ދިނުމުގެ ގާބިލްކަން ފުޅާކުރުމުގެ ގޮތުން ފޯރުކޮށްދިން އެހީއެއް ކަމަށެވެ.

މި ކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލްހަމާދީ ވިދާޅުވީ އެއާ އެމްބިއުލާންސް އިކުއިޕްމަންޓު ހަދިޔާ ކުރުމަކީ އުރީދޫއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަޚުރުވެރިވާ މަސައްކަތެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މުޖުތަމައުގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ އުރީދޫގެ އަމާޒެކެވެ. ސިއްހީ ޚިދުމަތަކީ ޒަރޫރީ ބޭނުމެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އުރީދޫގެ އަމާޒަކީ އެ ޚިދުމަތް ހޯދުމުގައި ދިމާވަމުން އަންނަ ދަތިތައް ހައްލު ކުރުން ކަމަށެވެ.

ޑިޖިޓަލް ދާއިރާގެ ތަސައްވުރެއް އުރީދޫގައި އޮތް ނަމަވެސް، ދިވެހިންގެ ދުޅަހެޔޮކަމަށް އެ ކުންފުނިން އިސްކަންދޭ ކަމަށާއި، ސިއްހީ ޚިދުމަތަކީ އެ ކުންފުނިން އެންމެ އިސްކަމެއްދޭ އެއްކަންތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލްހަމާދީ: އުރީދޫއިން ވަނީ އެއާ އެމްބިއުލަންސް ޚިދުމަތަށް 16 މިލިއަން ރުފިޔާގެ އިކުއިޕްމަންޓް ހަދިޔާކޮށްފައި -- ފޮޓޯ/ އުރީދޫ

ރާއްޖޭގެ ރަށްތަކަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމުމާއެކު އުރީދޫއިން އެ ކަމަށް އިޖާބަދީ، އެ ކަމުގައި ބައިވެރިވިއެވެ. އެގޮތުން ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށީ މިދިޔަ މާޗު މަހުގައި އުރީދޫއިން ހަދިޔާކުރި އިކުއިޕްމަންޓުތަކާ އެކުގައެވެ.

ހަމާދީ ވިދާޅުވި ގޮތުގައި މިއަދު ހަދިޔާ ކުރި ސްޕެޝަލައިޒްޑް އިކުއިޕްމަންޓުތަކާ އެކު އެންމެ ކްރިޓިކަލް ހާލަތްތަކުގައި ވެސް އެއާ އެމްބިއުލާންސްގެ ޚިދުމަތް ދެވޭނެއެވެ.

އުރީދޫއިން މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ގޮތުން 2018ވަނަ އަހަރު އެ ކުންފުނިން ވަނީ ހެލްތް މިނިސްޓްރީއަށް ތިން ސީ އެމްބިއުލާންސް ހަދިޔާކޮށްފައެވެ.

އަދި މި ކަމުގައި ހެލްތް މިނިސްޓްރީގެ އިތުރުން އައިލެންޑް އޭވިއޭޝަނުން ދިން އެއްބާރުލުމަށް އުރީދޫއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އުރީދޫގެ ފަރާތުން ވަނީ ސީ އެމްބިއުލާންސްގެ 3d މޮޑެލްއެއް ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ އަވަސް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ރާއްޖޭގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވައިފައެވެ. ރަށްތަކުގެ އާބާދީއާއި ދުރުދުރުގައި އެ ރަށްތައް އުފެދިފައި ހުރުމުން، ބަލިމީހުންނަށް ބޭނުންވާ މެޑިކަލް އިންފްރާސްޓްރަކްޗަރާއި އިކުއިޕްމަންޓާއެކު އެ ޚިދުމަތް މުޅި ރާއްޖެއަށް ދިނުމުގައި ގޮންޖެހުންތައް ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އުރީދޫގެ ފަރާތުން ސީ އެމްބިއުލާންސްގެ 3d މޮޑެލްއެއް ހަދިޔާކުރުން: އުރީދޫއިން ވަނީ އެއާ އެމްބިއުލަންސް ޚިދުމަތަށް 16 މިލިއަން ރުފިޔާގެ އިކުއިޕްމަންޓް ހަދިޔާކޮށްފައި -- ފޮޓޯ/ އުރީދޫ

މިނިސްޓަރުގެ ވާހަކައިގައިވަނީ އެއާ އެމްބިއުލާންސަކީ ރާއްޖޭގެ ސިއްޙީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ކޮންމެ ދިވެއްސަކަށް ވެސް ސިއްޙީ ޚިދުމަތް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ފާހަގަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން އަންނަނީ ރާއްޖޭގައި ދެމުން އަންނަ އެމްބިއުލާންސްގެ ޚިދުމަތް ފުޅާ ކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އުރީދޫއިން މި ކަމުގައި ދިން އެއްބާރުލުމަކީ އެހެން ވިޔަފާރިތަކަށް ވެސް ނަމޫނާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ދޭން ފެށި ފަހުން 437 ބަލިމީހުން އެއާ އެމްބިއުލާންސްގައި އުފުލައި، އަވަސް ސިއްޙީ ފަރުވާ ދީފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން، ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ސީއީއޯ ވެސް ބައިވެރިވެ ވަޑައިގަތެވެ.

comment ކޮމެންޓް