އެކްސިޑެންޓުވެ، ގޯޑަން ރަމްސީއަށް ބޮޑެތި އަނިޔާތަކެއް

ދުނިޔޭގެ އެންމެ މަޝްހޫރު ޓީވީ ޝެފުންގެ ތެރޭގައި ހިމެނޭ ގޯޑަން ރާމްސީގެ ފުރާނައަށް ނުރައްކާވި އެކްސިޑެންޓެއް ވެއްޖެއެވެ.

ގޯޑަން ދާދި ފަހުން ހާމަކުރި ވީޑިއޯއެއްގައި ބުނެފައިވަނީ މިދިޔަ ހަފުތާ ބަންދާ ދިމާކޮށް އޭނާ އެކްސިޑެންޓެއްވި ކަމަށެވެ. ބައިސްކަލެއް ދުއްވާފައި ދަނިކޮށް އޭނާއަށް ބޮޑު އެކްސިޑެންޓެއްވެފައިވާ ކަމަށް ގޯޑަން ބުންޏެވެ.

މި ބައިސްކަލު އެކްސިޑެންޓަކީ އޭނާ ޓްރައިތަލޯން ބައިސްކަލު މުބާރާތުގެ ތެރެއިން ހިނގި އެކްސިޑެންޓެކެވެ. ގޯޑަންއަކީ ބައިސްކަލު މުބާރާތްތަކުގައި އާންމުކޮށް ބައިވެރިވާ މީހެކެވެ.

އޭނާ ބުނިގޮތުގައި އޭނާގެ ފުރާނަ ސަލާމަތް ވެފައިވަނީ އޭނާ އަޅައިގެން ހުރި ހެލްމެޓުގެ ސަބަބުންނެވެ. އެއާއެކު އެއްވެސް އެއްޗެއް ދުއްވާއިރު ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އެޅުމަށް ގޯޑަން ވަރަށް ބޮޑަށް އެދުނެވެ.

ގޯޑަންއަށް މި އެކްސިޑެންޓުގައި ލިބިފައިވާ އަނިޔާތަކުގެ މިންވަރު އެ ވީޑިއޯއިން ދައްކާފައިވެއެވެ. ގޯޑަން ލައިގެން ހުރި ކޯޓު ހިއްލާލިއިރު އޭނާގެ މުޅި އުނަގަނޑުން ފެށިގެން މެއާ ހަމައަށް އެއްކޮށް އޮތީ ދަނބުވެ ދުޅަވެފައެވެ.

މި އެކްސިޑެންޓުގެ ސަބަބުން އޭނާ ސަލާމަތްވިކަން ވެސް ގަބޫލު ނުކުރެވޭ ކަމަށް ގޯޑަން ވަނީ ބުނެފައެވެ. އަދި ޓްރޯމާ ޑޮކްޓަރުންނާއި ސާޖަންތަކުގެ އެހީއާނުލައި ސަލާމަތްނުވެވޭނެ ކަމަށް ވެސް އޭނާ ގަބޫލުކުރެއެވެ. އަދި, އޭނާއަށް ފަރުވާ ދިން ހުރިހާ އެންމެންނަށް ގޯޑަން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

އޭނާ ބުނިގޮތުގައި އަދިވެސް އެކްސިޑެންޓުގެ ސަބަބުން ވަރަށް ބޮޑަށް މުޅި ގަޔަށް ތަދުވެއެވެ. ނަމަވެސް މަސައްކަތް ކުރެވޭ ވަރަކުން ކަންތައްތައް ކުރަމުން ގެންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.

comment ކޮމެންޓް