ޖާންވީ ބުނީ މަންމަ ސްރީދޭވީއާއި ރޭކާ ދެބެއިން ފަދަ ކަމަށް

އިންޑިއާގެ ސިނަމާގައި ބަތަލާއިންގެ މެދުގައި ވާދަވެރިކަން އޮންނަ ކަމަށް ވާހަކަދެކެވޭ ނަމަވެސް އެއީ މުޅިން ތެދު ވާހަކަތަކެއް ނޫން ކަމަށް ޒުވާން ބަތަލާ ޖާންވީ ކަޕޫރު ބުނެފިއެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖާންވީ ބުނީ, މަންމަ ސްރީދޭވީއާއި ކުރީގެ މަޝްހޫރު ބަތަލާ ރޭކާއާ ދެމެދު އޮތް ޚާއްސަ ގުޅުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ. ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ ފިލްމު އިންޑަސްޓްރީއަށް އަލަށް ނުކުތް ދުވަސްވަރު ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް މަންމައަށް ހިމާޔަތް ދިނީ ރޭކާ ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ޖާންވީގެ ފިލްމު "އުލަޖް"ގެ ޕްރީމީއާ ހަފްލާގައި ރޭކާ ބައިވެރިވަނީ--ފޮޓޯ/ފިލްމުފެއަ

މަންމަ ސްރީދޭވީއާއި ރޭކާ އުޅުނީ ދެބެއިންގެ ގޮތުގައި ކަމަށާއި އެއީ 'ސޯލް ސިސްޓާސް' ކަމަށް ޖާންވީ ވަނީ ބުނެފައެވެ. ޖާންވީގެ އުމުރުން 14 އަހަރުން ފެށިގެން ރޭކާއާއި މަންމަ ސްރީދޭވީގެ ރަހުމަތްތެރިކަމުގެ ގުޅުން ވަރަށް ގާތުން ފެނިފައިވާ ކަމަށާއި ޖާންވީގެ ދެބެއިންނަށް ކަމެއް ސިއްރުކުރަން ބޭނުންވެއްޖެ ނަމަ ރޭކާއާއި ސްރީދޭވީ ތެލުގޫ ބަހުން ވާހަކަދައްކާ ހަނދާން ހުންނަކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މަންމަ ސްރީދޭވީގެ ވަކިވެދިއުމަށް ފަހު ވަރަށް ގިނަ ކަންކަމުގައި ރޭކާގެ ލަފާއާއި މަޝްވަރާއަށް އަހާ ކަމުގައި ޖާންވީ ވަނީ މީޑިއާއަށް ދިން އިންޓަވިއުގައި ބުނެފައެވެ. ޖާންވީ ފިލްމު އިންޑަސްޓްރީއަށް ތަޢާރަފުވި ފިލްމު "ދަޅަކް"ގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރު ވެސް ބަތަލާގެ ހާލު އެންމެ ގާތުން ބަލާފައިވަނީ ރޭކާ ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ފިލްމެއް ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިވާ ފަހަރު ވެސް އެންމެ ބޮޑަށް ހިތްވަރު ލިބެނީ ވެސް ރޭކާގެ ފަރާތުން ކަމަށް މަޝްހޫރު ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ދަރިފުޅު ވަނީ ބުނެފައެވެ. ޖާންވީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ މަހު ރިލީޒްކުރި ބަތަލާގެ ފުރަތަލަ ތެލުގޫ ފިލްމު "ދެވާރާ"އިންނެވެ.

comment ކޮމެންޓް