ސިއްދީގީގެ މަރަށް ފަހު ސަލްމާންގެ ސެކިއުރިޓީ ވަރުގަދަކޮށްފި

ސަލްމާން ޚާން ބާބާ ސިއްދީގީއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ ނޭޝަނަލިސްޓު ކޮންގްރެސް ޕާޓީ (އެންސީޕީ)ގެ ކުރީގެ ލީޑަރު ބާބާ ސިއްދީގީއަށް ބަޑިން ހަމަލާދީ މަރާލުމާ ގުޅިގެން ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓް ހުންނަ އިމާރާތުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފިއެވެ.

އިންޑިއާގެ މަހާރަޝްތްރާ ސްޓޭޓްގެ ވަޒީރުކަން ވެސް ކޮށްފައިވާ ސީނިއާ އެންސީޕީ ލީޑަރު މަރާލި ހަމަލާގެ ޒިންމާ އިންޑިއާގެ ނުރައްކާތެރި ގޭންގެއް ކަމަށްވާ ލޯރެންސް ބިޝްނޯއީ ގޭންގުން ނަގާފައިވާއިރު މި ގޭންގުން ވަނީ ތަކުރާރުކޮށް ސަލްމާން ޚާނަށާއި ސަލްމާންގެ އާއިލާގެ މެންބަރުންނަށް މަރުގެ އިންޒާރު ދީފައެވެ.

އެގޮތުން، މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓަށް ބަޔަކު މީހުން ބަޑީގެ ހަމާލާއެއް ދީފައިވާއިރު މުމްބާއީގެ ބަންޑްރާގެ އައްސޭރީގައި ހުންނަ ސަލްމާންގެ ފާމް ހައުސް ކައިރިން ވެސް މި ގޭންގަށް ނިސްބަތްވާ ކަމަށް ޝައްކުކުރެވޭ ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ބާބާ ސިއްދީގީގެ ޖަނާޒާގައި ސަލްމާން އާއި އެކްޓަރުގެ އާއިލާގެ މެމްބަރުން ބައިވެރިވަނީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބާބާ ސިއްދީގީއަކީ ސަލްމާން ޚާނާއި އޭނާގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮތް މީހެއްކަމުން ސަލްމާން ޚާންގެ ރައްކާތެރިކަމާ މެދު އާއިލާއިން ވެސް ވަނީ ކަންބޮޑުވާކަން ފާޅުކޮށްފައެވެ. ސަލްމާންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިއާގެ ސަރުކާރުން ވަނީ އެކްޓަރު ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓް އަދި ބަންޑްރާގައި ހުންނަ ގޭގެ ސެކިއުރިޓީންގެ ގޮތުގައި ސްޕެޝަލް ރިޒާވް ޕޮލިސް ފޯސްއެއް ގާއިމުކޮށްފައެވެ.

މީގެ އިތުރުން، ސަލްމާން ދަތުރުކުރާ ކާރުގެ ފަހަތުން އަބަދު ވެސް ސެކިއުރިޓީ ކާރުތައް ފާރަވެރިންގެ ގޮތުގައި ދަތުރުކުރާނެކަމަށް މުމްބާއީގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އުމުރުން 66 އަހަރުގެ ބާބާ ސިއްދީގީ މަރާލާފައިވަނީ ސިއްދީގީގެ ދަރިފުޅު ޒީޝާން ސިއްދީގީގެ އޮފީސް ހުންނަ އިމާރާތުން ބޭރުގައި ދިން ބަޑީގެ ހަމަލާއެއްގައި މި މަހުގެ 13 ވަނަ ދުވަހުއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ހަމަލާދީފައިވަނީ ސިއްދީގީއަށް މަރުގެ އިންޒާރު ލިބުމާ ގުޅިގެން އޭނާގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރިތާ ދުވަސްތަކެއް ފަހުންނެވެ. ސިއްދީގީއަށް މަރުގެ އިންޒާރު ދީފައިވަނީ މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަކާ ގުޅިގެންނެވެ.

comment ކޮމެންޓް