އެމެރިކާގެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑް މެކްސް ފެކްޓާއާ ގުޅިގެން އިންޑިއާގެ ބަތަލާ ޕްރިޔަންކާ ބިއުޓީ އުފެއްދުންތަކެއް ލޯންޗުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޑިއާގައި ލޯންޗުކުރަން ނިންމާފައިވާ މި ހަފުލާއަށް ޕްރިޔަންކާ އިއްޔެ އިންޑިއާއަށް ގޮސްފައިވާއިރު މި ހަފުލާ އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައެވެ. ޕްރިޔަންކާއާ އެކު މި ހަފުލާގެ ޚަބަރުތައް ކަވަރުކުރަން ބައިނަލްއަޤުވާމީ މީޑިއާތަކުން މިހާރު އިންޑިއާއަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕްރިޔަންކާ ވަނީ 2021 ވަނަ އަހަރު އަމިއްލަ ޝޭމްޕޫ ބްރޭންޑް އަނޯމަލީގެ ނަމުގައި ތަޢާރަފުކޮށްފައެވެ. މި ބްރޭންޑް އިންޑިއާގައި ވެސް ތަޢާރަފުކޮށްފައިވާއިރު އަނޯމަލީގެ ބްރޭންޑް އެމްބެސެޑަރަކީ ވެސް ޕްރިޔަންކާއެވެ.

ބަތަލާ ޕްރިޔަންކަ ޗޯޕްޅާ--ފޮޓޯ/ބޮލީވުޑްހަންގާމާ
މީގެ އިތުރުން، ޕްރިޔަންކާއަކީ އިންޓަނޭޝަނަލް ބްރޭންޑް ކަމަށްވާ ބުލްގަރީގެ ވެސް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ފިލްމީ ތަރިއެކެވެ. ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު މެކްސް ފެކްޓާ ބްރޭންޑްގެ ދަށުން ޕްރިޔަންކާ ލޯންޗުކުރާނީ ކޮންކަހަލަ މޭކަޕް ނުވަތަ ކޮސްމެޓިކް ސާމާނުތަކެއްކަން އަދި ކަށަވަރެއް ނުވެއެވެ.
މިހާރަކަށް އައިސް އަމިއްލަ ކޮސްމެޓިކް ބްރޭންޑްތައް އުފައްދާ ފިލްމީތަރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަމިއްލަ ބިއުޓީ ލައިންއެއް މިހާރު ވެސް ހިންގާ ފިލްމީތަރިންގެ ތެރޭ ކެޓްރީނާ ކައިފް، ދީޕިކާ ޕަދުކޯން، ކްރީތީ ސެނޮން ހިމެނޭއިރު ދާދި ފަހުން އެކްޓަރު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ކަޕޫރު ވެސް ވަނީ 'އަކައިންޑް'ގެ ނަމުގައި އަމިއްލަ ސްކިންކެއާ އުފެއްދުންތަކެއް ތައާރަފްކޮށްފައެވެ.