އައްޑޫ އީދި ސަމާ: ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ޑީކޭ ސްޕޯޓްސް!

އައްޑޫ އީދި ސަމާ 1445ގެ "ވިމެންސް ވޮލީ ބޯލް ޓޯނަމަންޓް": މި މުބާރާތުގެ ޗެމްޕިއަންކަން ލިބުނީ ޑީކޭ ސްޕޯޓްސްއަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އައްޑޫ ސިޓީން ޝާނިހާ ޝަރީފް--

އަޟްހާ ޢީދާ ގުޅުވައި އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އައްޑޫ އީދި ސަމާ 1445 ހަރަކާތްތަކުގެ ތެރެއިން "ވިމެންސް ވޮލީ ބޯލް ޓޯނަމަންޓް"ގެ ޗެމްޕިއަންކަން ޑީކޭ ސްޕޯޓްސްއިން ނަގައިފިއެވެ.

ޑީކޭ ސްޕޯޓްސްއިން ފޭދޫ ޓީމާ ދެކޮޅަށް ކުޅެ ފައިނަލް މެޗު ކާމިޔާބުކުރީ 3-0 ސެޓުންނެވެ. އެއާއެކު މުބާރާތުގެ ރަނަރަޕް ޓީމަކަށް ފޭދޫ ޓީމު ވަނީ ވެފައެވެ.

އައްޑޫ އީދި ސަމާ 1445ގެ "ވިމެންސް ވޮލީ ބޯލް ޓޯނަމަންޓް": މި މުބާރާތުގެ ރަނަރަޕްކަން ލިބުނީ ފޭދޫ ޓީމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ފައިނަލް މެޗަށް ފަހު، މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އެގޮތުން މުބާރާތުގެ ޗެމްޕިއަން ޓީމަށް 3،000ރ. އަދި ރަނަރަޕް ޓީމަށް 2،000ރ. ވަނީ ލިބިފައެވެ.

އެ މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ޑީކޭ ސްޕޯޓްސްގެ ޖާޒީ ނަންބަރު 5، މަލްދާ މަސްއޫދެވެ.

މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ މަރަދޫފޭދޫ ވޮލީ ޓީމެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ޑީކޭ ސްޕޯޓްސްގެ ކޯޗު ހަސަން ނަސީރެވެ.

އައްޑޫ އީދި ސަމާ 1445ގެ "ވިމެންސް ވޮލީ ބޯލް ޓޯނަމަންޓް": ފައިނަލް މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ޑީކޭ ސްޕޯޓްސްގެ ޖާޒީ ނަންބަރު 5، މަލްދާ މަސްއޫދު -- ސަން ފޮޓޯ/ މޫސާ ނަދީމް

މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން:

  1. ޑީކޭ ސްޕޯޓްސްގެ ޖާޒީ ނަންބަރު 5، މަލްދާ މަސްއޫދު
  2. ފޭދޫ ޓީމްގެ ޖާޒީ ނަންބަރު 10، ފާތިމަތު ރިޝްމާ
  3. މީދޫ ވޮލީ ޓީމްގެ ޖާޒީ ނަންބަރު 9، ފާތިމަތު ނަބާހާ
  4. މަރަދޫފޭދޫ ވޮލީ ޓީމްގެ ޖާޒީ ނަންބަރު 5، އާއިޝަތު ތައުމާ
  5. ޑީކޭ ސްޕޯޓްސްގެ ޖާޒީ ނަންބަރު 7، ފާތިމަތު ނުސްރާ
  6. ފޭދޫ ޓީމްގެ ޖާޒީ ނަންބަރު 5، ފާތިމަތު އަލްމާ އަލީ

މި މުބާރާތުގައި ޖަޖުންގެ ގޮތުގައި މަސައްކަތް ކޮށްފައި ވަނީ ފާތިމަތު ޝިޒުނާ، އައިމިނަތު ޒީނާ، މަރިޔަމް ހަމީދާ އަދި ޚަދީޖާ ނައީމާ އިބްރާހީމެވެ. މިއީ ހުސްވެސް ފޭދުއަށް ނިސްބަތްވާ، ވޮލީ ކުޅިވަރު މުބާރާތްތަކުގައި މީގެ ކުރިން ވެސް ޖަޖުކަން ކޮށްފައިވާ ފަރާތްތަކެކެވެ.

އައްޑޫ އީދި ސަމާ 1445ގެ "ވިމެންސް ވޮލީ ބޯލް ޓޯނަމަންޓް": ފައިނަލް މެޗުގައި ފޭދޫ ޓީމުގެ ކުޅުންތެރިއެއް -- ސަން ފޮޓޯ/ މޫސާ ނަދީމް

މި މުބާރާތުގައި ރެފްރީންގެ ގޮތުގައި ވޮލީބޯލް އެސޯސިއޭޝަންގެ ހަތް ރެފްރީން މަސައްކަތްކޮށްފައިވެއެވެ.

މި މުބާރާތް އައްޑޫ ސިޓީ ކައުންސިލުން ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ ފޭދޫ އަވަށު އޮފީހުންނެވެ. އަދި މުބާރާތުގެ މެޗުތައް ކުޅެފައި ވަނީ ފޭދޫ އަވަށު އޮފީސް ކުރިމަތީ އޮންނަ ވޮލީ ކޯޓުގައެވެ.

ވޮލީ މުބާރާތުގެ އިތުރުން ވެސް އައްޑޫގައި ބޮޑު ޢީދާ ގުޅުވައި ކުޅިވަރުގެ އެހެނިހެން މުބާރާތްތައް ބާއްވާނެއެވެ. އެގޮތުން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ހުޅުވާލައިގެން ވާދެމުމުގެ މުބާރާތަކާއި، ފުޓްސަލް މުބާރާތެއްގެ އިތުރުން ޓްރެޝާ ހަންޓު ވެސް ސިޓީ ކައުންސިލުން ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

އައްޑޫ އީދި ސަމާ 1445ގެ "ވިމެންސް ވޮލީ ބޯލް ޓޯނަމަންޓް": ފައިނަލް މެޗުގައި ޑީކޭ ސްޕޯޓްސްގެ ކުޅުންތެރިއެއް -- ސަން ފޮޓޯ/ މޫސާ ނަދީމް

އައްޑޫ އީދި ސަމާގެ ކުޅިވަރުތައް އެސްއެސްޓީވީ މެދުވެރިކޮށް ލައިވްކޮށާއި ރިކޯޑްކޮށްގެން ވެސް ދައްކާނެއެވެ. އަދި ޢީދާ ގުޅުން ހުރި ޚަބަރުތައް ސަން އޮންލައިންގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭނެއެވެ.

އެސްއެސްނެޓްގެ ޗެނަލް ނަމްބަރު އެކަކުން އަދި މީޑިއާނެޓުގެ ޗެނަލް ނަމްބަރު 122އިން އެސްއެސްޓީވީ ފެންނާނެއެވެ.

އެސްއެސްޓީވީގެ ފޭސްބުކް ޕޭޖުން އީދުގެ ހަރަކާތްތައް ލައިވްކުރާނެއެވެ. ހަމައެއާއެކު ސަން އޮންލައިން ވެބްސައިޓް މެދުވެރިކޮށް ވެސް އެސްއެސްޓީވީގެ ލައިވް ފީޑް ބެލޭނެއެވެ.

comment ކޮމެންޓް