އުސްފަސްގަނޑު ކުނިން ގޮނޑުވެފައި، އާންމުންގެ ކަންބޮޑުވުން

އުސްފަސްގަނޑު ސަރަހައްދަށް ކުނި އަޅައި ގޮނޑުކޮށްފައި --

މާލޭ އުސްފަސްގަނޑު ކުނިން ގޮނޑުވެފައި އޮންނަތާ ދުވަސްތަކެއްވެއްޖެއެވެ.

މި ކަން ފާހަގަކޮށް ބައެއް އާންމުން ސޯޝަލް މީޑިއާގައިދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އުސްފަސްގަނޑަކީ މާލޭގައި ހުސްކޮށް އޮންނަ މަދު ތަންތަނުގެ ތެރެއިން އެއް ތަނެވެ. ކޮންމެ ދުވަހެއްގެ ހަވީރުގެ ވަގުތު މި ތަނުގައި ގިނަ އަދަދެއްގެ ކުޑަކުދިން ކުޅެ ސްކޭޓްކޮށް ހަދައެއްވެ. ޚާއްސަކޮށް މިއީ ރަމަޟާން މަހު ގުޑިއެރުވުމަށް ވަރަށް ގިނަ އަދަދެއްގެ އާއިލާތައް އެއްވާ ސަރަހައްދެކެވެ.

އުސްފަސްގަނޑު ކުރިން އޮންނަނީ ހައުސިން މިނިސްޓްރީގެ ދަށުގައެވެ. ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މިހާރު އުސްފަސްގަނޑު އޮންނަނީ އެ މިނިސްޓްރީގެ ބެލުމުގައި ދަށުގައި ނޫން ކަމަށެވެ. އެނގިފައިވާ ގޮތުގައި މިހާރު އެ ތަން އޮންނަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.

އުސްފަސްގަނޑަކީ ނައިޓްމާކެޓްތައް ވެސް ބާއްވާ ސަރަހައްދެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މިފަހުން ވެސް އެތަނުގައި ގިނަ ދުވަސްތަކެއް ވަންދެން ޓެންޓު ޖަހައި، ސްޓޯލްތައް ހަދައިގެން އަންނަައުނު ފަދަ ތަކެތި ވިއްކައިފައިވެއެވެ.

މިހާރު ޕެލެޓުތަކާއި، ކަރުދާސްފޮށިތަކުގެ އިތުރުން، ޕްލާސްޓިކް ކޮތަޅާއި ފުޅިތައް ވެސް އަޅާފައި އޮތީ އެ ސަރަހައްދަށެވެ.

މި ކަމާ ގުޅިގެން މިހާތަނަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.

އުސްފަސްގަނޑުގައި ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކުކޮށް މީގެ ކުރިން އެތަން އޮތީ ފުރާލާފައެވެ. އެހެން ނަމަވެސް އެ ތަނުގައި ވެހިކަލް ޕާކު ކުރުމުގެ ހުއްދަ ދީފައި އޮންނަ ކަމެއް ނޭނގެއެވެ.

https://sun.mv/187507

އުސްފަސްގަނޑު ސަރަހައްދަށް ކުނި އަޅައި ގޮނޑުކޮށްފައިވާއިރު، މާލޭގެ ބައެއް މަގުތަކަށް ވެސް ކުނި އަޅާ މައްސަލަވަނީ ބޮޑުވެފައެވެ.

އެގޮތަށް މަގުތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ މާލެ ސިޓީ ކައުންސިލުގެ ވައިބާ އަދި ވަޓްސްއެޕް ނަންބަރު ކަމަށްވާ 9341144 އަށް ނުވަތަ ކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ފޮނުވަން މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް