ދަރުބާރުގެ ބިއްދޮށް ފަޅީގައި ފަތާ ޓްރެކާ ޖެހިގެން އޮންނަ އުސްފަސްގަނޑު ވެހިކަލްތައް ޕާކުކޮށް ފުރާލައިފިއެވެ.
އުސްފަސްގަނޑަކީ މާލޭގައި ހުސްކޮށް އޮންނަ މަދު ތަންތަނުގެ ތެރެއިން އެއް ތަނެވެ. ކޮންމެ ދުވަހެއްގެ ހަވީރުގެ ވަގުތު މި ތަނުގައި ގިނަ އަދަދެއްގެ ކުޑަކުދިން ކުޅެ ސްކޭޓްކޮށް ހަދައެއްވެ. ހާއްސަކޮށް މިއީ ރަމަޟާން މަހު ގުޑިއެރުވުމަށް ވަރަށް ގިނަ އަދަދެއްގެ އާއިލާތައް އެއްވާ ސަރަހައްދެކެވެ.
ނަމަވެސް، މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދަށުގައި އޮންނަ އުސްފަސްގަނޑު މިހާރު ވަނީ ކާރާއި ލޮރީތައް އަދި ސައިކަލުތައް ޕާކުކޮށް ފުރާލައިފައެވެ. އެއީ، ކޮން އުސޫލެއްގެ ދަށުން ޕާކުކޮށްފައިވާ ވެހިކަލެއް ކަމެއް ނޭނގެއެވެ.
ކަމާގުޅުންހުރި އެއްވެސް އިދާރާއަކުން އެ ތަނުގައި ވެހިކަލް ޕާކުކުރުމުގެ ހުއްދަ ދީފައިވާކަން އެނގޭކަން ނެތެވެ.
މިކަމާ ގުޅިގެން "ސަން"އިން މިނިސްޓްރީއާ ސުވާލުކުރުމުން ވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

އުސްފަސްގަނޑުގައި ވެހިކަލް ޕާކުކޮށްފައި --- ސަން ފޮޓޯ/ އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް
މީގެ ކުރިން ވެސް އުސްފަސްގަނޑު ވެހިކަލްތައް ޕާކުކޮށް ފުރައިލިއެވެ. ނަމަވެސް ފަހުން އެތަން ވަނީ ހުސްކޮށްފައެވެ.
ހުޅުމާލޭގައި އޮންނަ ހުސްބިން ތަކުގައި ވެސް މިފަދައިން ހުއްދައަކާނުލައި ވެހިކަލް ފާކު ކުރުމުގެ މައްސަލަ ވަނީ ފެންމަތި ވެފައެވެ. ޕާކުކުރުމުގެ މައްސަލައަކީ މާލޭގައި މި ވަގުތު އެންމެ ބޮޑުވެފައިވާ އެއް މައްސަލައެވެ.