ފަހަތުން އަރައި ނެދަލެންޑްސްއިން ޕޮލެންޑު ބަލިކޮށްފި

ނެދަލެންޑްސް މޮޅުވި ލަނޑު ކާމިޔާބުކޮށްދިން ވެގްހޯސްޓް-- ފޮޓޯ: ޔުއެފާ

ޔޫރޯ 2024ގެ ގްރޫޕު ޑީގައި ޕޮލެންޑުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ކާމިޔާބުކުރި ލަނޑުތަކާއެކު މޮޅުވެ ނެދަލެންޑްސްއިން ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭ ނެދަލެންޑްސްގެ ފަރާތުން ފެނުނީ ނުރައްކާތެރި ކުޅުމެކެވެ. އަދި ގިނަ ހަމަލާތަކެއް ވެސް ފެނުނެވެ. ޚާއްސަކޮށް ކޯޑީ ގަކްޕޯގެ ނުރައްކާ ފާހަގަކޮށްލެވެއެވެ.

ޕޮލެންޑުން މެޗުގައި ލީޑުނެގީ 16 ވަނަ މިނެޓުގައެވެ. ޕިއޮޓާ ޒީލިންސްކީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޕޮލެންޑަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެޑަމް ބުކްސާ އެވެ.

މި ލަނޑަށްފަހު ނެދަލެންޑްސް ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުން ނަތީޖާ ހަމަހަމަކުރިއެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ނެދަލެންޑްސްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ގަކްޕޯއެވެ. ބޯޅަ ގޯލަށް ވަދެފައިވަނީ ޕޮލެންޑުގެ ޑިފެންޑަރު ބާޓޯޒް ސަލަމޮންގެ ފައިގައި ޖެހިފައެވެ.

މި ލަނޑަށްފަހު ނެދަލެންޑްސްއަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ޚާއްސަކޮށް ޑިޕާއިއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފު ފަށައިގެން ޕޮލެންޑުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ ނެތި ކުޅުނު މި މެޗުގައި ފޯވާޑް ލައިނުން ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. ޕޮލެންޑުން ރަނގަޅަށް ކުޅެމުންދަނިކޮށް ނެދަލެންޑްސްއިން ވަނީ މެޗުން މޮޅުވި ލަނޑު ޖަހާފައެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ނެދަލެންޑްސް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވެގްހޯސްޓް އެވެ. އޭނާގެ ހަމަލާ އަމާޒުކޮށްލާފައިވަނީ ޕޮލެންޑް ގޯލުގެ ތިރީ ކަނަކަށެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ ފްރާންސް އާއި އޮސްޓްރިއާ އެވެ. މި ދެ ޓީމު ކުޅޭނީ ހޯމަދުވަހުގެ ރޭގަނޑުއެވެ.

comment ކޮމެންޓް