ޔުއޭފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ތިނެއްގައި ނެދަަލަންޑްސްއާއި ޖަރުމަނުވިލާތް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ނެދަލަންޑްސްގެ އެމްސްޓަޑަމްގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ނެދަލަންޑްސްއިން ވަނީ މެޗުގެ ދެވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ރަޔަން ގްރެޗެންބާޗްގެ ރީތި، މޮޅު ޕާހަކުން އެ ލަނޑު ޖަހައިދިނީ ޓިޖާނީ ރެއިންޑާސެވެ. ލަނޑާ އެކު ނެދަލަންޑްސްއިން ހަމަޖެހިލި ނަމަވެސް ޖަރުމަނުން ވަނީ މަޑުމަޑުން ކުޅުން ރަނގަޅުކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ 38 ވަނަ މިނެޓުގައި ޖަރުމަނުގެ ފުރަތަމަ 11 ގައި އަލަށް ހިމެނުނު ޑެނިޒް އުންޑާ ވަނީ ލަނޑެއް ޖަހައިފައެވެ. މިއީ އޭނާ ޖަރުމަނު ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޖަރުމަނު ޓީމުގެ ކެޕްޓަން ޖޯޝުއާ ކިމިޗު ވަނީ އެ ޓީމަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގައިދީފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަދަލަންޑްސްގެ ޑިފެންސުގައި މުހިންމު ދައުރެއް އަދާކުރާ ނޭތަން އާކޭއަށް އަނިޔާވެ، އަށިގަނޑުގައި ބާލަން ޖެހުނެވެ. އެއީ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއް ކަމަށް ޓީމުން ބުންޏެވެ.
ދެވަނަ ހާފު ވެސް ފެށިތާ ފަސްވަނަ މިނެޓުގައި ނެދަލަންޑްސްއިން ވަނީ ލަނޑެއް ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑެންޒެލް ޑްމްފްރީސްއެވެ.
މެޗުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނެވެ. ވަކިން ޚާއްސަކޮށް މެޗު ނިމެން ގާތްވެފައި ވަނިކޮށް ޖަރުމަނުގެ ޑޭވިޑް ރައުމް ފޮނުވާލި ހަމަލާ ފާހަގަވިއެވެ. އެ ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ހަންގޭރީއާއި ބޮސްނިއާ އެންޑް ހާޒެގޮވީނާ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ވީއެއްވަރެވެ.
ގްރޫޕްގައި މިހާރު ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު ހަތަރު ޕޮއިންޓާއި ފައިދާ ފަސް ގޯލާ އެކު އެއްވަނައިގައި އޮތީ ޖަރުމަނުވިލާތެވެ. ހަތަރު ޕޮއިންޓާއި ފައިދާ ތިން ގޯލާ އެކު ދެވަނައިގައި އޮތީ ނެދަލަންޑްސްއެވެ. އަދި، އެއް ޕޮއިންޓާ އެކު ބޮސްނިއާއާއި ހަންގޭރީ އުޅެނީ ތިންވަނަ އަދި ހަތަރުވަނައިގައެވެ.