ޔުއޭފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ތިނެއްގައި ނެދަލަންޑްސްއިން ބޮސްނިއާ ހާޒެގޮވިނާ ބަލިކޮށްފިއެވެ.
ނެދަލަންޑްސްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 5-2 އިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި، މެޗުގެ ލީޑު ނަގާފައިވަނީ ނެދަލަންޑްސްއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގެ 13 ވަނަ މިނެޓުގައި ޖޯޝުއާ ޒާކްޒީއެވެ. ނަމަވެސް، ބޮސްނިއާއިންވަނީ މެޗުގެ 27 ވަނަ މިނެޓުގައި އާމެޑީން ޑެމިރޮވިޗް ކާމިޔާބު ކޮށްދިން ލަނޑާ އެކު މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގައި ނެދަލަންޑްސްއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޓިޖާނީ ރެއިންޑާސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ 56 ވަނަ މިނެޓުގައި ކޯޑި ގަކްޕޯ ކާމިޔާބުކޮށްދިން ލަނޑާ އެކު ނެދަލަންޑްސްއިން މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މެޗުގައި ބޮސްނިއާގެ ދެވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑިން ޖެކޯއެވެ. ނެދަލަންޑްސްއިން މި މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖަހައިދނީ ވޫޓު ވެގުހޯސްޓްއެވެ. ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޖަހައިދިނީ ޒާވީ ސައިމަންސެވެ.
މި ކާމިޔާބީއާ އެކު ނެދަލަންޑްސްއިން ވަނީ މި ފަހަރުގެ ޔުއޭފާ ނޭޝަންސް ލީގުގެ ފެށުން ރަނގަޅުކޮށްފައެވެ.
ނެދަލަންޑްސް އެކޭ އެއްގޮތަށް މި ގްރޫޕުގައި ހިމެނޭ ޖަރުމަނުވިލާތުން ވެސް އެ ޓީމުގެ ފެށުން ރަނގަޅުކޮށްފައިވުމުން މި ގްރޫޕުން ޔުއޭފާ ނޭޝަންސް ލީގުގެ ސެމީފައިނަލުން ޖާގަ ހޯދަން ކުރާ ވާދައިގައި ދެ ޓީމުގެ ކުރިމަތިލުން ވަރަށް ފޯރިގަދަވާނެ ކަމަށްވަނީ ބެލެވިފައެވެ.