ރައީސަށް ޗައިނާގެ ރައީސް، އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން: ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާއަށް -- ފޮޓޯ/ ރައީސް އޮފީސް

ޗައިނާގެ ރައީސް ޝީ ޖިންޕިން، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އުފަންދުވަހުގެ ތަހުނިޔާ މިއަދު އަރިސްކުރައްވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޝިން މިއަދު ރައީސް އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި، ޗައިނާގެ ރައީސްގެ ފަރާތުން ތަހުނިޔާގެ ސިޓީއެއް އެރުވިއެވެ.

އެ ސިޓީގައި ރައީސް ޝީ ވަނީ، މިއަދަކީ ރައީސް މުއިއްޒުގެ އުފަންދުވަސް ކަމަށްވުމުން ހެޔޮ އެދުންތައް ރައްދުކުރައްވައި، ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މުސްތަގުބަލަށް ޓަކައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށާއި ޗައިނާ-މޯލްޑިވްސް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް މިހާރަށްވުރެ ވަރުގަދަ ކުރުމުގެ ޝައުގުވެރިކަން ވެސް ރައީސް ޝީ ފާޅުކުރެއްވި ކަމަށް ރައީސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެ ސިޓީ ހަވާލުކޮށްދެއްވުމުން ޗައިނާގެ ސަފީރަށް ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ޗައިނާގެ ރައީސްގެ އުފަންދުވަހަކީ ވެސް މިއަދު ކަމުން، އެ މަނިކުފާނަށް ރައީސް ދެއްވާ މެސެޖެއް ސަފީރާ ހަވާލުކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޝިން، ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި ޗައިނާގެ ރައީސްގެ ސިޓީ އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

"މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ޗައިނާގެ ރައީސަށް އުފާވެރި އުފަންދުވަހަކަށް އެދިވަޑައިގެން ތަހުނިޔާ ކިޔުއްވައިފަ،" ބަޔާނުގައިވެއެވެ.

އެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށާއި ކުރިމަގުގައި ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ޚިޔާލުބަދަލުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ޗައިނާއިން އިތުރު އެހީތެރިކަން ފޯރުކޮށްދޭނެކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވާފައި ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

ރައީސް މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރު ކުރެއްވީ ޗައިނާއަށެވެ. އަދި މި ސަރުކާރުން އަންނަނީ ޗައިނާއާ ގާތް ގުޅުމެއް ބާއްވައި، އެގައުމާ ގުޅިގެން ގިނަ މަޝްރޫއުތައް ހިންގުމަށް މަސައްކަތްތައް ކުރަމުންނެވެ.

comment ކޮމެންޓް