އާލިއާގެ ފިލްމު އޮކްޓޯބަރު މަހު

ބަތަލާ އާލިއާ ބަޓް--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް އެންމެ ފަހުން މަސައްކަތް ފެށި ފިލްމު "ޖިގްރާ" ރިލީޒްކުރުން މި އަހަރުގެ އޮކްޓޯބަރު މަހަށް ފަސްކުރެވިފައިވާކަން ބަތަލާ އިއުލާނުކޮށްފިއެވެ.

މި އަހަރުގެ ކުރީކޮޅު މަސައްކަތް ފެށި މި ފިލްމު ކުރިން ރިލީޒްކުރަން ތާވަލުކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހަށެވެ. އާލިއާ ބަޓް ލީޑް ރޯލް ކުޅޭ މި ފިލްމަކީ، ބަތަލާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންއާ ދަރުމާ ޕްރޮޑަކްޝަންއާ ގުޅިގެން އުފައްދާ ފިލްމެކެވެ.

ބަތަލާ އާލިއާ ބަޓް އަދި އެކްޓަރު ވެދަންގް ރައިނާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އާލިއާ ބަޓްގެ އިތުރުން ޒުވާން އެކްޓަރު ވެދަންގް ރައިނާ މުހިންމު ރޯލެއް ކުޅޭ މި ފިލްމަކީ، ދެބެއިންގެ ވަރުގަދަ ގުޅުން ދައްކުވައިދޭ އާއިލީ ގުޅުންތަކުގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމަކީ، ނެޓްފްލިކްސްއިން ގެނެސްދިން "ދަ އާޗީސް"އަށް ފަހު ވެދަންގް ބެލުންތެރިންނަށް ފެންނާނެ ދެވަނަ ފިލްމެވެ.

ފިލްމު "ޖިގްރާ" ބެލުންތެރިންނަށް ގެނެސްދޭން ނިންމި ތާރީޚު ބަދަލުކޮށްފައިވަނީ ފިލްމު ކުރިން ރިލީޒްކުރަން ނިންމި މަހު ތެލުގޫ ފިލްމު "ދެވަރާ" ރިލީޒްކުރަން ނިންމުމާ ގުޅިގެން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރު އަދި ބޮލީވުޑް އެކްޓަރު ސައިފް އަލީ ޚާން މުހިއްމު ރޯލް ކުޅޭ "ދެވަރާ"އަކީ ޒުވާން ބަތަލާ ޖާންވީ ކަޕޫރުގެ ފުރަތަ ތެލުގޫ ފިލްމެވެ. މި ފިލްމު މިހާރު ރިލީޒްކުރަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 27ގައެވެ.

comment ކޮމެންޓް