އަޖޭއާއި ތައްބޫގެ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

އަންނަ މަހުގެ ފަސްވަނަ ދުވަހު ސިނަމާތަކަށް ގެންނަ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.

ޑައިރެކްޓަރު ނީރަޖް ޕާންޑޭގެ މި ފިލްމަކީ އަޖޭއާއި ބަތަލާ ތައްބޫ ލީޑް ރޯލު ކުޅޭ ތިނެސްކަން ލޯބީގެ ފިލްމެކެވެ.

މި ފިލްމަކީ އަޖޭއާއި ތައްބޫގެ ޖޯޑު ސްކްރީނުން ބަލާލަން ބޭނުންވާ ގިނަ ބަޔަކު މި އަހަރު އެންމެ ބޮޑު އިންތިޒާރެއް ކުރާ އެއް ފިލްމެވެ. އަޖޭއާއި ތައްބޫގެ އިތުރުން "އޯރޯ މޭ ކަހާ ދަމް ތާ"ގެ ވަރަށް މުހިންމު ރޯލަކުން ފިލްމީ ތަރި ޖިމީ ޝެރްގިލް އަދި ފިލްމު "ގަންގޫބާއި"ގެ ރޯލަކުން ފެނުނު އެކްޓަރު ޝަންތަނޫ މަހޭޝްވަރީ ފެންނާނެއެވެ.

މިހާތަނަށް އަޖޭއާއި ތައްބޫ އެކީގައި ކުޅުނު ގިނަ ފިލްމުތަކަކީ އާއްމުންގެ ބޮޑު ތަރުހީބެއް ހޯދި ފިލްމުތަކެކެވެ.

އަޖޭ އާއި ތައްބޫ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ" ފިލްމުގެ މަންޒަރެއްގައި--ފޮޓޯ/ކޮއިމޮއި

ފިލްމުގައި ލޯބީގެ ރާގު ހިމަނާފައިވީ ނަމަވެސް އަޖޭގެ ފިލްމުތަކުން ތަޅާ ފޮޅުންތައް ނުފެންނަ ނަމަ ފިލްމު ބެލުންތެރިންނަށް ކަމުނުދާނެތީ ކޮންމެ ވެސް ވަރަކަށް އެކްޝަން ބައި ވެސް މި ފިލްމުން ބެލުންތެރިން ތަޖުރިބާކުރާނެއެވެ.

މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ މީގެ 23 އަހަރު ކުރިން ބައްދަލުވި ދެ ލޯބިވެރިންގެ ލޯބީގެ ވާހަކައިގެ މައްޗަށެވެ. އެހެންވެ، ފިލްމުން ބެލުންތެރިންނަށް 2000ގެ ލޯބީގެ ވާހަކައަކާ އެކު އޭގެ 23 އަހަރު ފަހުން ދެ މީހުން ބައްދަލުވުމާ އެކު ދިރިއުޅުމަށް އައި ބަދަލުތައް ދައްކުވައިދޭނެއެވެ.

މިހާތަނަށް އެކީގައި 13 ފިލްމު ކުޅެފައިވާ ދެ ތަރިން އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބޯލާ"އެވެ.

comment ކޮމެންޓް