ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އިން ތަފާތު ދާއިރާތަކުން މި އަހަރު ޖުމްލަ 494 ދަރިވަރުން ދަސްވެނިވި ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފިއެވެ.
އެ ޔުނިވާސިޓިން ބުނީ، މި އަހަރުގެ ދަސްވެނިވުން ކުރިއަށް ގެންދިޔައީ ތިން ސެޝަނަކަށް ބަހާލައިގެން ކަމަށެވެ. މިގޮތުން، އެ ސެޝަންތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެޑައިގެންފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ޔުނިވާސިޓީން މައުލޫމާތު ދިން ގޮތުގައި، ކުއްލިޔާ އޮފް ގުރުއާން އެންޑް ސުންނަތުން 107 ދަރިވަރުންނާއި ކުއްލިޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިސްގެ ދާއިރާއިން 56 ދަރިވަރުން ދަސްވެނިވިއެވެ.
އޭގެއިތުރުން، ކުއްލިޔާ އޮފް ޝަރީއާ އެންޑް ލޯއިން 68 ދަރިވަރުން ދަސްވެނިވެފައިވާއިރު، ކުއްލިޔާ އޮފް އެޑިއުކޭޝަން އިން ދަސްވެނިވީ 186 ދަރިވަރުންނެވެ.

މިއަހަރުގެ އައިޔޫއެމް ދަސްވެނިވުމުގައި ދަރިވަރުންތަކެއް: އައިޔޫއެމްއިން މިއަހަރު ތަފާތު ދާއިރާތަކުން 494 ދަރިވަރުން ދަސްވެނިވި --- ފޮޓޯ/ ރައީސް އޮފީސް
އައިޔޫއެމް އިން އިތުރަށް ބުނީ، ކުއްލިޔާ އޮފް އަރަބިކް ލެންގުއޭޖް އިން 60 ދަރިވަރުންނާއި ކުއްލިޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓުގެ ދާއިރާއިން 17 ދަރިވަރުން މި އަހަރު ދަސްވެނިވި ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އައިޔޫއެމްގައި ހިންގާ ޢަރަބި ބަހުގެ ކޯސްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި އެ ކޯސްތަކުގެ ފެންވަރު ދެމެހެއްޓުމަށް ބޮޑު އިސްކަމެއް ދޭކަމަށް އެ ޔުނިވާސިޓީން މީގެކުރިން ވަނީ ބުނެފައެވެ.
ތަފާތު ދާއިރާތަކުން އެ ޔުނިވާސިޓީގައި ކިޔެވާދޭއިރު، އިކޮނިމިކްސްއާއި އެކައުންޓިންގެ ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ވެސް ގިނަ ފުރުސަތުތަކެއް އެ ޔުނިވާސިޓީގައި އެބަހުއްޓެވެ.