ތައުލީމު ހާސިލްކޮށް ދަސްވެނިވާ ދަރިވަރުންގެ އެންމެ ބޮޑު އަމާޒަކީ ގައުމު އާރާސްތުކުރުން ކަމުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައީސް ވިދާޅުވީ، ކިޔަވައިގެން މުޖުތަމައަށް ޒުވާނުން ނުކުންނަނީ ވަޒީފާ އަދާކުރާން ކަމަށެވެ. ނަމަވެސް، ގިނަ ޒުވާނުން ދިރިއުޅެނީ އައިލާއާއެކު ކުއްޔަށްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ތައުލީމު ހާސިލްކޮށް މުޖުތަމައަށް ނުކުންނަ ޒުވާނުންނަށް މިއަދު އެންމެ މުހިންމީ ގެދޮރުވެރިކަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަދު މަޖިލީހަށް ހުށަހަޅާ ބަޖެޓު ވާނީ އެންމެ ފުޅާ ދާއިރާއެއްގައި ގެދޮރުވެރިކަން ހޯދައި ދިނުމަށް ހުށަހަޅާ ބަޖެޓަށް ކަމަށެވެ.
"އެހެންވީމަ ގެދޮރުވެރިކަން ހާސިލްކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ މިއަދު މި ހުށަހެޅޭ ބަޖެޓުން ދެކަމެއް ދަންނަވައިލަން ބޭނުން. އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި، ފިޒިކަލް ކޮންސްޓްރަކްޝަން ހައުސިން ޕްރޮޖެކްޓްސްތައް 1.5 ބިލިއަން ރުފިޔާގެ މަސައްކަތް މިއަންނަ އަހަރު ހިނގާނެ. ހަމައެއާއެކީގައި މިއަންނަ ހަފުތާގައި ފަށާ ނޫނީ މިއަންނަ މަހު ކުރީކޮޅުގައި ފެށޭނެ އަޅުގަނޑު ވައުދުވީ ފަސް ޕަސަންޓަށް ވުރެ ބޮޑުނޫން އިންޓެރެސްޓުގައި ދޫކުރާ ހައުސިން ލޯނު ސްކީމް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިގުތިޞާދު ފުޅާކޮށް ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ޒުވާނުންނަށް ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކޮށްދެއްވާ، ޕޭމަންޓް ގޭޓްވޭ ނިޒާމު ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތް ވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
"ދަންނަވަން މި އުޅޭ ވާހަކައަކީ ތިބޭފުޅުން ހިތްވަރާއެކީ ތި ކުރެއްވި މަސައްކަތުން ގައުމަށް ކަމެއްކޮށްދެވޭތޯ ނުކުމެވަޑައިގަންނަވާށޭ، އަޅުގަނޑުމެން ބަލާނަމޭ އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ބޭނުންވާ ގެދޮރުވެރިކަން ޚާއްސަ ގޮތެއްގައި ހާސިލްކޮށްދިނުމަށް. ހަމަ އެއާއެކު ދެން ހުރި ވަޒީފާގެ ދާއިރާތަކުން ވެސް ދެން ހުރި ދާއިރާތަކުން ވެސް [ފުރުސަތު ފަހި ކޮށްދިނުމަށް]" ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ތައުލީމު ހާސިލްކުރެއްވުމަށް އެމަނިކުފާނު އިނގިރޭސިވިލާތުގައި އަށް އަހަރު ކުރެއްވި ތަޖުރިބާ ހިއްސާ ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ތައުލީމު ހާސިލްކުރެވުމުން، އެކަމަށްޓަކައި ކުރި ބުރަ މަސައްކަތް ހަނދާން ނައްތާނުލުމަށް އިލްތިމާސް ކުރައްވައިފައެވެ.
އަޒުމް ވަރުގަދަވާނީ ތައުލީމު ހާސިލްކުރުމަށް ކަނޑައްތުކުރި ބުރަ މަރުހަލާ ހަނދާން ކުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަޒުމް ކަނޑައަޅަންވީ ކިތަންމެ ބޮޑު ކަމެއް ކުރިމަތިވި ނަމަވެސް، އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.