މާލޭގައި އީދު ދުވަހު ހަވީރު އެމްއެންޑީއެފްގެ ބޭންޑު ހަރަކާތެއް

އެމްއެންޑީއެފް ބޭންޑް: މާލޭގައި އީދު ދުވަހު ހަވީރު އެމްއެންޑީއެފްގެ ބޭންޑު ހަރަކާތެއް ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭގައި އީދު ދުވަހު ހަވީރު ބޭންޑު ހަރަކާތެއް ކުރިއަށް ދާނެ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހަރަކާތް އޮންނާނީ ބޮޑުތަކުރުފާނު މަގު، ކަޅުތުއްކަލާ ކޮށި ކައިރީގައި ކަމަށާއި ހަވީރު 16:00 އިން 18:00އަށް މި ހަރަކާތް ކުރިއަށްދާނެ ކަމަށެވެ.

މީގެކުރިން ވެސް، އީދު އަދި ޚާއްސަ މުނާސަބުތަކާއި ގުޅުވައިގެން އެމްއެންޑީއެފުން ޕްރޭޑް ފަދަ ހަރަކާތްތައް މާލެ އަދި ރަށްތަކުގައި ވެސް ހިންގައެވެ.

ބޮޑު އީދަށް މާލެ ސަރަހައްދާއި ރަށްރަށުގައި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އަންނަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. މިގޮތުން، އިއްޔެ ސުކޫލުތައް ބަންދުވުން، ގިނަ ބަޔަކު އަންނަނީ އީދު ބަންދާ ދިމާކޮށް އެކި ސަރަހައްދުތަކަށް ދަތުރުކުރަމުންނެވެ.

އީދު ތެރޭ އެންމެ ފޯރީގައި ހަރަކާތްތައް ބާއްވަނީ ރަށްރަށުގައެވެ. ހަފުތާއެއްހައި ދުވަހަށް ދެމިގެންދާ ހަރަކާތްތަކުގެ ތެރޭގައި ސްޓޭޖު ޝޯތަކާއި، ފެންކުޅި ކުޅުމާއި ކުލަޖެހުމުގެ އިތުރުން ތަފާތު ކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.

އޭގެއިތުރުން، ކުރިއަށް އޮތް އަޟްހާ އީދު ފާހަގަކުރުމުގައި އިސްލާމް ދީނާއި ދިވެހީންގެ އިޖުތިމާޢީ މިންގަޑުތަކާ އެއްގޮތަށް ފާހަގަކުރަން ލޯކަލް ގަވަމަންޓް މިނިސްޓްރީން ވަނީ ރަަށު ކައުންސިލްތަކަށް އަންގާފައެވެ.

ސަރުކާރުން ވަނީ މި އަހަރުގެ ބޮޑު ޢީދު ތިން ރަށެއްގައި ގައުމީ ފެންވަރުގައި ފާހަގަކުރަން ވެސް ނިންމައިފައެވެ. އެއީ،

  • ރ. އުނގޫފާރު
  • ދ. ކުޑަހުވަދޫ
  • ގއ. ވިލިނގިލި
comment ކޮމެންޓް