ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ 80،000 މަސައްކަތްތެރިންގެ ވޯކްޕާމިޓް ހިފަހައްޓަނީ

އިސްރާއީލުން ފޮނުވާލި އެތައް ހާސް ފަލަސްތީނުގެ މަސައްކަތްތެރިންނެއް ޣައްޒާއަށް އެނބުރި ދަނީ --- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ހުޅަނގު އައްސޭރީގައި ދިރިއުޅޭ ގާތްގަނޑަކަށް 80،000 ފަލަސްތީނު މަސައްކަތްތެރިންގެ ވޯކް ޕާމިޓްތައް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓަމުން އަންނަ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ފެށި ފަހުން އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީގެ މަސައްކަތްތެރިންނަށް އިސްރާއީލުގެ މަސައްކަތްތެރިންގެ ބާޒާރަށް ވަނުމަށް ހުރަސް އަޅާފައެވެ.

ޣައްޒާ ހަނގުރާމައިގެ ކުރިން އިސްރާއީލުގައި 170،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން މަސައްކަތް ކުރަމުން ދިޔައިރު، އެއީ ފަލަސްތީނުގެ އިގުތިސާދަށް އާމްދަނީ ހޯދުމުގެ މުހިންމު ބައެކެވެ.

އިސްރާއީލުގެ މާލީ ވުޒާރާއިން ކުރިން ލަފާކޮށްފައިވާ ގޮތުގައި އިމާރާތްކުރުމާއި ދަނޑުވެރިކަމާއި ސިނާއީ ދާއިރާގައި ފަލަސްތީނުގެ މަސައްކަތްތެރިން ނެތުމުން މަހަކު ތިން ބިލިއަން ޝެކެލް ނުވަތަ 840 މިލިއަން ޑޮލަރުގެ ގެއްލުން އިސްރާއީލަށް ލިބެއެވެ.

އިސްރާއީލުގެ ސިފައިންގެ ހުއްދަ ހޯދައިގެން ނޫނީ ފަލަސްތީނުގެ މަސައްކަތްތެރިންނަށް އިސްރާއީލުގެ ޗެކްޕޮއިންޓްތަކުން ހުރަސްކުރުމުގެ ހުއްދަ އިސްރާއީލުން ނުދެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަކަށް ފަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އަސްކަރީ ހަމަލާތައް ދޭން ފެށި ފަހުން ހުޅަނގު އައްސޭރީގައި ވެސް އިސްރާއީލުން އަންނަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ.

ހަމަލާތައް ދޭން ފެށި ފަހުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ 543 މީހުން ޝަހީދުކޮށްލާފައިވާއިރު، 5،200 އާ ގާތްކުރާ އަދަދަކަށް މީހުން ޒަޚަމުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އިސްރާއީލުން ޣައްޒާގެ ކުށެއް ނެތް އާންމުންނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓައިލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ވަނީ އެތައް ފަހަރަކު އިސްރާއީލަށް އަންގައިފައެވެ. އެ ކޯޓުން އެންމެ ފަހުން ކުރި ހުކުމްގައި ވަނީ އިސްރާއީލުން ޣައްޒާގެ ރަފަހް ސިޓީއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް އަމުރުކޮށްފައެވެ.

ނަމަވެސް، އިސްރާއީލުން އެއިން އެއްވެސް ކަމަކަށް އިޖާބަ ނުދީ އަދިވެސް ދަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.

comment ކޮމެންޓް