ކުވޭތުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ގިނަ މީހުންނަކީ އިންޑިއާ މަސައްކަތްތެރިން

ކުވޭތުގެ ފަޔާ ފައިޓަރުންނާއި އެމްބިއުލާންސްތައް އަލިފާން ރޯވި އިމާރާތެއްގެ ބޭރުގައި -- ފޮޓޯ/އިންގްލިޝް އަރަބިއާ

ކުވޭތުގައި ބިދޭސީ މަސައްކަތްތެރިންގެ 200 ވަރަކަށް މީހުން އުޅޭ އިމާރާތެއްގައި އަލިފާން ރޯވި ހާދިސާގައި މަރުވި ގިނަ މީހުންނަކީ އިންޑިއާ މީހުން ކަމަށް ކުވައިތުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

އެ ހާދިސާގައި 50 މީހުން ވަނީ މަރުވެފައެވެ.

ކުވޭތުގެ ދެކުނުގެ ސަރަހައްދެއްގައި ހުންނަ ހަ ބުރީގެ އިމާރާތުގައި ރޯވެ، އެތައް ބަޔަކު މަރުވެފައިވާއިރު އެތައް ބަޔަކު ޒަޚަމު ވެސް ވެފައިވާ ކަމަށް އެ ގައުމުގެ ސިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ގައުމުން އަލިފާނުގެ ހާދިސާގެ އަސަރުކުރި މީހުންނަށް އެހީތެރިވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، މަރުވި މީހުންގެ އާއިލާތަކަށް 200،000 އިންޑިއާ ރުޕީސް ނުވަތަ 2،400 ޑޮލަރު ލިބޭނެ ކަމަށް މޯދީގެ އޮފީހުން ވަނީ އިއުލާނުކޮށްފައެވެ.

އަލިފާނުގެ ހާދިސާގައި މަރުވި ބައެއް މީހުންނަކީ ކާކުކަން ދެނެގަންނަން އުނދަގޫ ކަމަށާއި ކާކުކަން ދެނެގަތުމަށް ޑީއެންއޭ ޓެސްޓް ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ކުވޭތުގެ ހަތަރު މިލިއަނަށް ވުރެ ގިނަ އާބާދީގެ ގިނައީ ބިދޭސީންނެވެ. އޭގެ ތެރޭގައި ގިނައީ ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާ މީހުންނެވެ. އަދި، އެ މީހުން އެންމެ ގިނައިން މަސައްކަތްކުރަނީ ކޮންސްޓްރަކްޝަނާއި ޚިދުމަތްތައް ދޭ ދާއިރާތަކުގައެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ ކުވޭތުގެ ބިދޭސީ މަސައްކަތްތެރިން ގިނަ އަދަދަކަށް އުޅޭ މަންގަފް ސަރަހައްދުގައި ހުންނަ ތަނެކެވެ. ރޯވި އިމާރާތުގެ ވެރި ފަރާތުން އިންޓީރިއާ މިނިސްޓްރީއަށް ދިން މައުލޫމާތުގައިވާ ގޮތުން އެއީ 196 މީހަކު އުޅޭ އިމާރާތެކެވެ.

މިއީ މި ފަހުން ކުވޭތުގައި ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

ކުވޭތުގައި 2009 ވަނަ އަހަރު ވަނީ ފިރިމީހާ ދެ އަންބަށް އެހެން މީހަކާ އިނދެ ކައިވެނީގެ ހަފުލާ ބޭއްވި ޓެންޓެއްގައި ދޮށީ އަނބި ގަސްތުގައި ރޯކޮށްލުމުގެ ސަބަބުން ވެސް 57 މީހަކު މަރުވެފައެވެ. އޭނާ އެކަން ކުރީ ކައިވެނި ހަފުލާ ކުރިއަށް ދަނިކޮށް ޓެންޓަށް ޕެޓްރޯލް ޖަހައި ރޯކޮށްލައިގެންނެވެ. ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން މަރުވި އެ ހާދިސާއަށް ފަހު އެ އަންހެން މީހާގެ މައްޗަށް ޝަރީއަތް ހިންގައި 2017 ވަނަ އަހަރު ވަނީ ދަންޖައްސައި މަރާލައިފައެވެ.

comment ކޮމެންޓް