ދިވެހިބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރަން ބޭއްވި ޖަލްސާއެއްގެ ތެރެއިން: އެކެޑަމީގެ މުބާރާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މި އަހަރުގެ އަދަބީ ކަލަންޑަރުގައި ދިވެހިބަހުގެ އެކެޑަމީން ހިމަނައިފައިވާ މުބާރާތްތަކުގެ ތެރެއިން އަދަބީ ބައެއް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

އެކެޑަމީން ފުރުސަތު ހުޅުވައިލައިފައިވަނީ، އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ގައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36 ވަނަ ގައުމީ މުބާރާތާއި، ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތެވެ.

މިއަހަރުގެ އޮގަސްޓު މަހުގެ ދެވަނަ ދުވަހާއި ތިންވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތްތައް ކުރިއަށް ގެންދަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އެއީ 18 އަހަރުން ދަށުގެ އުމުރުފުރާއާއި 18 އަހަރުން މަތީގެ އުމުރުފުރައިން ސުކޫލުތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައިންނެވެ.

ސްކޫލުތަކުގެ ބައި ކުރިއަށް ގެންދަނީ 3 އުމުރުފުރައަކަށް ބަހައިލައިގެންނެވެ. އެއީ:

  • ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)
  • ސާނަވީ ގިންތި (ކީ ސްޓޭޖް 4)
  • މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5)

ދިވެހިބަހުގެ އެކެޑަމީން ބުނީ މިއީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބާއްވާ މުބާރާތްތަކެއް ކަމަށާއި ބައިވެރިން ތިބި ރަށަކުން މުބާރާތްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. އެ އެކެޑަމީން ބުނީ މޮނިޓާކުރެވޭ ގޮތަށް ކުރިއަށްދާ މި މުބާރާތްތައް އޮންނާނީ ހުރިހާ ރަށެއްގައި ވެސް އެއްވަގުތެއްގައި ކަމަށެވެ.

އެ އެކެޑަމީން ބުނީ މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔުންތައް އެކެޑަމީންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

އެ މުބާރާތްތަކުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ އަންނަ މަހު ނުވަ ވަނަ ދުވަހުގެ މެންދުރުފަހު 1:00 ނިޔަލަށެވެ.

އެ މުބާރާތްތައް އޮންނާނެ ތަނާއި ވަގުތު މުބާރާތް ބޭއްވުމުގެ ފަސް ދުވަސް ކުރިން، އެ މުބާރާތްތަކުގައި ބައިވެރިވި ފަރާތްތަކަށް އަންގާނެކަމަށް އެ އެކެޑަމީން ބުންޏެވެ.

comment ކޮމެންޓް