އީދު ދުވަހު ހަވީރު މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ

މީގެ ކުރިން އީދެއްގައި މާލޭގައި ބޭއްވި ސަގާފީ ހަރަކާތެއް: މި އަޟްހާ އީދުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާވާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަންނަ ހަފުތާގެ އާދިއްތައިގައި ފާހަގަކުރާ ބޮޑު އީދު ދުވަހުގެ މުނާސަބާތުގައި، އެ ދުވަހު ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މާލެ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ހަތަރު ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައި ވަނީ، އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހުރިހާ މަގުތަކުގައިވެސް ވެހިކަލް ދުއްވުން މަނާކުރަން ނިންމައިފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާ ނަމަވެސް އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކާ ކައުންސިލްގެ އާންމު ޚިދުމަތާ ބެހޭ ބައިއިން ދޫކުރާނެ ކަމަށެވެ.

ސްޓިކާ ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:

  • 14 ޖޫން، މާދަމާ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް
  • 15 ޖޫން، ހޮނިހިރު ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަދި ރޭގަނޑު 9:00 އިން 11:00 އަށް

އީދު ދުވަހު ދުއްވުން މަނާ އުޅަނދުތަކުގެ ތެރޭގައި އިންޖީނުލީ އަދި ބެޓެރި އުޅަނދު ވެސް ހިމެނެއެވެ.

ސިޓީ ކައުންސިލުން ބުނީ މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.

ކޮންމެ އަހަރަކު ވެސް މި ފަހުން އީދު ދުވަހުގެ ހަވީރު މާލޭ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ކުރެއެވެ. އެ ދުވަސްތަކުގައި ކުޑަކުދިންނާއެކު އާއިލާތައް މަގުތަކަށް ނުކުމެ، ހިނގާފައި އާއި ބައިސްކަލު ދުއްވާފައި އުޅެއެވެ.

https://sun.mv/193171

މިފަހަރު އަޟްހާ އީދު، ސަގާފީ ކުޅިވަރުތަކާއެކު ވަރަށް ކުލަގަދަކޮށް މާލެއާއި ހުޅުމާލޭގައި ފާހަގަކުރަން ވަނީ ރާވައިފައެވެ. އެގޮތުން ރަށްރަށުގައި ޢީދު ފާހަގަކުރާހެން މާލޭގައި ވެސް ޢީދު ފާހަގަކުރަން ކުރާ މަސައްކަތުގެ ތެރެއިން މާލޭގައި ވެސް ޢީދު ވިލޭރޭ ވެދުމާ ދިއުން އޮންނާނެ ކަމަށް ނޭޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ)އިން ބުނެފައިވެއެވެ.

comment ކޮމެންޓް