މާލޭގައި ވެސް ޢީދު ވިލޭރޭ ވެދުމާ ދިއުން އޮންނާނެ: އެންސީއޭ

އަންހެނުންތަކެއް ސަގާފީ ލަވައަކަށް ނަށަނީ: މާލޭގައި ވެސް މި ފަހަރު ސަގާފީކޮށް ޢީދު ފާހަގަކުރަން ވަނީ ނިންމާފައި --- ސަން ފޮޓޯ

ރަށްރަށުގައި ޢީދު ފާހަގަކުރާހެން މާލޭގައި ވެސް ޢީދު ފާހަގަކުރަން ކުރާ މަސައްކަތުގެ ތެރެއިން މާލޭގައި ވެސް ޢީދު ވިލޭރޭ ވެދުމާ ދިއުން އޮންނާނެ ކަމަށް ނޭޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ)އިން މިއަދު ބުނެފިއެވެ.

އެންސީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، މާލޭގެ ޢީދު ހަރަކާތްތައް ޙައްޖު ދުވަހުގެ ރޭ ފެށޭނެ ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ އޮންނާނީ އެ ރޭ ވެދުމާ ދިއުމެވެ. މީގެ އިތުރުން ވެސް ސަގާފީ ގިނަ ކުޅިވަރުތަކެއް މާލޭގައި އޮންނާނެ ކަމަށް އެންސީއޭއިން ބުންޏެވެ.

އެގޮތުން، ކޯނޑި ކެނޑުމާއި ބޮޑު މަސް ދުއްވުމުގެ ހަރަކާތްތައް ވެސް ބާއްވަން ވަނީ ނިންމައިފައެވެ.

4 އޭޕްރިލް 2024: މިދިޔަ ކުޑަ ޢީދަށް ހުޅުމާލެ ޒީނަތްތެރި ކުރުން: މި އަހަރު ވެސް މާލެއާއި ހުޅުމާލެ ޒީނަތްތެރިކުރާނެ -- ފޮޓޯ/ އެޗްޑީސީ

މީގެ އިތުރުން، ޢީދު ނަމާދަށް ފަހު ޢީދު ސައި ވެސް ބާއްވަން ހަމަޖެހިފައިވާކަން އެންސީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެއަށް ފަހު ހަވީރުގެ ކުޅިވަރުތަކާއި ރޭގަނޑުގެ ކުޅީވަރުތައް ވެސް ރާއްޖެތެރޭ ރަށެކޭ އެއް ފެންވަރަށް ކުރިއަށްދާނެ ކަމަށް އެންސީއޭއިން ވަނީ ބުނެފައެވެ.

އެންސީއޭއިން ވަނީ ހަރަކާތްތަކުގައި ބައިވެރިވާ އެންމެން ވެސް ވީވަރަކުން ސަގާފީ ހެދުންލާން އެދިފައެވެ.

ސަރުކާރުން ވަނީ މި އަހަރުގެ ބޮޑު ޢީދު ތިން ރަށެއްގައި ގައުމީ ފެންވަރުގައި ފާހަގަކުރަން ވެސް ނިންމައިފައެވެ. އެއީ،

  • ރ. އުނގޫފާރު
  • ދ. ކުޑަހުވަދޫ
  • ގއ. ވިލިނގިލި
comment ކޮމެންޓް