މަސްވެރިންނަށް މިއަދު 46 މިލިއަން ރުފިޔާ ޖަމާކުރަނީ

މަސްވެރިން އިއްޔެ ކުރި އިހުތިޖާޖުގެ ތެރެއިން: މިއަދުގެ ނިޔަލަށް މަސްވެރިންނަށް 46 މިލިއަން ދޫކުރަން ވަނީ ނިންމާފައި -- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

މަސްވެރިންނަށް ނުދެވި ހުރި 80 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ މިއަދުގެ ނިޔަލަށް ޖަމާކުރާނެ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު ބުނެފިއެވެ.

މަސްވެރިންނަށް ފައިސާ ނުދެވި ގިނަ ދުވަސްވުމުން ކަންބޮޑުވުން ބޮޑުވެ، މަސްވެރިންނަށް އިއްޔެ ވަނީ އިހުތިޖާޖުކޮށްފައެވެ. އެ އިހުތިޖާޖުތައް ހުއްޓައިލީ މަސްވެރިންނަށް ޑީސެލް ވިއްކާ އަގު ހެޔޮކުރަން ސަރުކާރުން ނިންމުމުންނެވެ.

މިފްކޯއިން މިއަދު ބުނީ، އޮޑިވެރިންނަށް ނުދެވި ހުރި ފައިސާގެ 46 މިލިއަން ރުފިޔާ މިއަދުގެ ނިޔަލަށް ޖަމާކުރާނެ ކަމަށެވެ. އަދި، މިހާރު ނުދެއްކި ހުރި ފައިސާ އެއްކޮށް ދައްކައި ޚަލާސްކުރަން ފިޝަރީޒް މިނިސްޓްރީއާއި ސަރުކާރާ ގުޅިގެން މިފްކޯއިން އަންނަނީ މަސައްކަތްކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެކަމަކު، ފައިސާ ދައްކައި ނިންމާލެވޭނެ ސީދާ ތާރީޚެއް އެ ކުންފުނިން ނުބުނެއެވެ.

އެ ކުންފުނިން ބުނީ، މަސްވެރިންނަށް ފައިސާ ނުދެއްކި އޮތުމަކީ ގޮންޖެހުމެއް ކަމަށާއި އެ ކަމުން އަރައިގަނެ، މިފްކޯއަކީ ސަބްސިޑީއާނުލައި ހިންގާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

މިފްކޯއިން މިހާރު 20 ރުފިޔާއަށް މަސް ގަންނަނީ ސަރުކާރުންދޭ ސަބްސިޑީގެ އެހީތެރިކަމާ އެކުއެވެ.

ކުރީ ސަރުކާރުގެ ފަހުކޮޅު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ 25 ރުފިޔާއަށް މަސް ގަންނަން ނިންމައިފައެވެ. އެކަމަކު، އޭރު ބޮޑު އަގުގައި މަސް ގަންނަމުން އައި ގެއްލުމުގައި ކަމަށާއި ބޮޑު އަގުގައި ގަތް މަހަށް އޭރުގެ ސަރުކާރުން ފައިސާ ދޫނުކުރާ ކަމަށް މި ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

https://sun.mv/193163

ސަރުކާރުން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ނުދައްކާކަމުގެ ކަންބޮޑުވުން ބޮޑުވެ، އަދި މަސްވެރިންނަށްވީ ވައުދުތައް ނުފުއްދާކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން އިއްޔެ ފެށި އިހުތިޖާޖުގައި މަސްވެރިން ވަނީ ވައުދުތައް ފުއްދަން ސަރުކާރަށް ގޮވާލައިފައެވެ.

ގިނަ އަދަދެއްގެ މަސް ދޯނިތަކުން ވަނީ މާލޭ އެއް ނަންބަރު ފާލަން ކައިރީ އިހުތިޖާޖުކޮށްފައެވެ. އެންމެ ފަހުން މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖު ހުއްޓައިލީ މަސްވެރިންނަށް ދޫކުރާ ޑީސެލްގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމުމުންނެވެ.

އެންމެ ގިނަވެގެން ދެ ދުވަސްތެރޭގައި މަސްވެރިން ކިރާ މަހަށް ފައިސާ ޖަމާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

https://sun.mv/193147

އެކަމަކު، އިއްޔެ މަސްވެރިންނާ ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ސަރުކާރުންވީ ވައުދުތައް ފުއްދޭނީ އިގުތިސާދީ ހާލަތު ރަނގަޅުވުމުން ކަމަށެވެ. އަދި، މިފްކޯ މިހާރު އޮތީ ކަންނެލި މަސްވެރިން އަތުން މަސް ގަނެވޭ ހާލަތުގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެސް މަސްވެރިންނަށް ނުދެވި 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތެވެ.

ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް މަސްވެރިންނަށް 850 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

comment ކޮމެންޓް