ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއެކު، މިއަދު ބޭއްވި ދިގު ބައްދަލުވުމުގައި ޑިމާންޑުތަކަށް އުންމީދީ ޖަވާބުތަކެއް ލިބުނު ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން މިއަދު ބުނެފިއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ކަމަށްވާ، މިދިޔަ ބުދަ ދުވަހުން ފެށިގެން ބީކޭއެމްޔޫއިން އަންނަނީ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. އެ މަސްވެރިން އަންނަނީ، ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.
އެއަށްފަހު، މިއަދު ޝިޔާމް ވަނީ ވެލާނާގޭގައި، ބޮޑު ކަންނެލީގެ 20 މަސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުން ފެށީ ހެނދުނު 11:00ހާއިރެވެ. އެއަށް ފަހު އެ ބައްދަލުވުން 13:40 ހާއިރު މެދުކަނޑާލުމަށް ފަހުގައި، 15:00ހާއިރު އަލުން ބައްދަލުވުން ފެށިއެވެ. އެ ބައްދަލުވުން ނިންމާލީ އޭގެ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުން 16:00 ހާއިރެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވައި، ބީކޭއެމްޔޫގެ ނައިބު ރައީސް އަދި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުޙައްމަދު ވިދާޅުވީ، ޝިޔާމް ބައްދަލުވުން ނިންމަވައިލެއްވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަހަށް ހައްލު ހޯދުމަށް "ކުއްލި ބައްދަލުވުމެއް" ބާއްވަވަން ވަޑައިގަންނަވާތީ ކަން އެނގިފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި މަސްވެރިންގެ ކަންބޮޑުވުންތަކާ މެދު ފުޅާ ދާއިރާއެެއްގައި މަޝްވަރާކުރިކަން އިމްރާން ފާހަގަކުރެއްވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، މިއަދުގެ ބައްދަލުވުން ވަރަށް ކާމިޔާބެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: މިނިސްޓަރާ އެކު، ބޮޑު ކަންނެލި މަސްވެރިން ވަނީ ދިގު ބައްދަލުވުމެއް ބާއްވާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
"އަޅުގަނޑުމެން ހުށަހެޅި ކަންތައްތަކުގެ ތެރެއިން މިވަގުން މިވަގުތަށް ހައްލު ކުރެވެން ހުރި ކަންތައްތަކާއި އަދި ކުރިއަށް އޮތް ތަނުގައި ހައްލު ކުރަން ހުރި ކަންތައްތަކާއި އެބަހުރި ވަރަށް ބައިވަރު ކަންތައްތައް. އެހެންވީމާ އެ ހުރިހާ ކަންތައްތަކަކަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް މި އުންމީދު ކުރަނީ،" އިމްރާން ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި މަސްވެރިއަކު ބުނީ، މިފްކޯއަށް މަސް ކިރުމާ ގުޅޭ ގޮތުން ވަރަށް ޕޮޒިޓިވް ޖަވާބެއް ލިބުނު ކަމަށެވެ. އެ ކަން ކޮށްދޭނެ ސީދާ ތާރީޚެއް އަދި ނުލިބުނަސް އެ ކަމުގައި ކުރިއެރުމެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.
އެ ޔޫނިއަނުން ބުނި ގޮތުގައި، މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކޮށް އަދިވެސް ބަންދުގައި ތިބި ދެ ކެޔޮޅުން ދޫކޮށްލަންދެން މަސްވެރިންގެ އިހުތިޖާޖު ކުރިއަށް ދާނެއެވެ.

ބީކޭއެމްޔޫގެ ނައިބު ރައީސް އިމްރާން މުހައްމަދު ---- ފޮޓޯ/ ބީކޭއެމްޔޫ
ބޮޑު ކަންނެލި މަސްވެރިން މާލެ ނެރު ކައިރީގައި ކުރަމުން އައި އެ އިހުތިޖާޖުގެ ތެރެއިން ބައެއް މަސްވެރިން ހައްޔަރުކުރިއިރު އޭގެ ތެރޭގައި ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވެސް ހިމެނުނެވެ. އޭނާއަށް ބަންދުގެ މުއްދަތު ޖެހި ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފައެވެ.
އެ އިހުތިޖާޖުން ހައްޔަރުކުރި ދެ ކެޔޮޅަކު އަދިވެސް ބަންދުގައި ތިބިއިރު، މަސްވެރިން އަންނަނީ އެއްގަމުގައި ވެސް އިހުތިޖާޖު ކުރަމުންނެވެ.
ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާ މި ދަނޑިވަޅުގައި، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި މިފްކޯއިން މަސްވެރިންނަށް ދޫކުރާ ތެލުގެ އަގުން 51 ލާރި ހެޔޮކޮށްފައިވާކަން އިއުލާނުކުރައްވައިފައެވެ.