ހިންމަފުށީގައި އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ރިހެބިލިޓޭޝަން ސެންޓަރެއް އަޅަނީ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން --- ފޮޓޯ: ރައީސް އޮފީސް

ކ. ހިންމަފުށީގައި އެއް ފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރެއް ހެދުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އިއުލާނުކުރައްވައިފިއެެވެ.

ވަޒީރު މިކަން އިއުލާނުކުރެއްވީ ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު އިޙްސާން ވިދާޅުވީ ހިންމަފުށީގައި މިހާރު ހުރި ސެންޓަރުން އެންމެ އެދެވޭ ގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ނުދާ ކަމަށާއި، އެހެންކަމުން އެތަނުގައި ބިޔަ މަޝްރޫޢެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

"500 މީހުންނަށް އެއް ފަހަރާ ފަރުވާ ދެވޭ ވަރުގެ، ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާވަރުގެ ސެންޓަރެއް އެތަނުގައި ހެދުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ މަހު އަޅުގަނޑުމެން ފަށާނަން،" ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢު 18 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހިންމަފުށީގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސެޓަޕާއި ހުޅުމާލޭ ހާފްވޭ ހައުސް ވެސް ޒަމާނީ ގޮތަކަށް ބަދަލުކޮށް، ޚާއްސަ ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފަރުވާގެ ނިޒާމުގެ ތެރޭގައި ރިކަވަރީ ސަޕޯޓު އަދި ސައިކޯ ސޯޝަލް ސަޕޯޓް ފަދަ ދާއިރާތަކަށް މީހުން ބިނާކުރުމުގެ މުހިންމުކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، ނ. ވެލިދޫގައި ތަރައްގީ ކުރާ ސެންޓަރުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކ. ކާށިދޫ އަދި ލ. ގަމުގައި ހަދާ ސެންޓަރުތަކުގެ މަސައްކަތް 2027 ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ފަރުވާ ފުރިހަމަކޮށް މުޖުތަމައަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެންޑީއޭއިން ވަނީ ފަށައިފައެވެ.

ކ. ހިންމަފުށީގައި އެއްފަހަރާ 500 މީހުންނަށް ފަރުވާދެވޭ ފެންވަރުގެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރެއް ބިނާކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފަށާނެކަމަށް ވަޒީރު ޢަލީ އިޙްސާން އިއުލާނުކުރައްވައިފިއެވެ. މި މަޝްރޫއަކީ 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން އަމާޒުހިފާފައިވާ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ މަރުކަޒެކެވެ. މީގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ އޮނިގަނޑާއި ހުޅުމާލޭ ހާފްވޭ ހައުސް ޒަމާނީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. ގަމުގައިވެސް އައު ސެންޓަރުތަކެއް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އަދި ފަރުވާ ފުރިހަމަކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުންފުނިތަކާއެކު އެއްބަސްވުންތަކެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.

  • ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ ރިހެބިލިޓޭޝަން ސެންޓަރެއް އެޅުން.
  • މަޝްރޫއުގެ އަމަލީ މަސައްކަތް ޖުލައި މަހު ފަށައި 18 މަސްތެރޭގައި ނިންމުން.
  • ވެލިދޫ، ކާށިދޫ އަދި ގަމުގައި އިތުރު ފަރުވާދޭ މަރުކަޒުތައް ގާއިމުކުރުން.
  • ފަރުވާ ފުރިހަމަކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތް ކުރުން.
comment ކޮމެންޓް