އެތައް އަހަރެއް ވަންދެއް މިއުޒިކާ ދުރުގައި ހުރުމަށްފަހު އާ މިއުޒިކާއެކު އެނބުރި އަންނާނެ ކަމަށް ބުނި ލަވަކިޔުންތެރިޔާ ރިއާނާގެ އާ އަލްބަމް އާ ގުޅޭގޮތުން ދައްކަމުން އަންނަ ވާހަކަތަކުގެ ރާގު އަނެއްކާ ވެސް ބަދަލުވެއްޖެއެވެ.
ރިއާނާގެ ފޭނުން އޭނާގެ ލަވައެއް ނެރުމަށް ގޮވާލައި އިންތިޒާރު ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަމަށް އެތައް އަހަރެއް ވަންދެން ރިއާނާ ދެމުން އައި ޖަވާބަކީ "ވަރަށް އަވަހަށް" އާ މިއުޒިކް ނެރޭނެ ކަމަށެވެ. އެއަށްފަހު ހަ އަހަރު ވީއިރު އޭނާގެ ކޮސްމެޓިކް ލައިނެއް ވަރުގަދަކޮށް، ދެ ދަރިން ވެސް ހޯދައިފިއެވެ.
ރިއާނާ މީގެ މަހެއްހާ ދުވަސް ކުރީން ބުނީ އޭނާގެ އަލްބަމްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. ގިނަ ލަވަތަކެއް ހުރުމުން އޭނާގެ މަސައްކަތް މިހާރު ހުރީ އަލްބަމްގައި ހިމަނަން ބޭނުންވާ ލަވަތަށް ކަނޑައެޅުމަށް ކަމަށް ރިއާނާ ވަނީ ބުނެފައެވެ.
ނަމަވެސް ދާދިފަހުން ދިން އިންޓަވިއުއެއްގައި ރިއާނާގެ ވާހަކަ ވަނީ އަނެއްކާ ވެސް ބަދަލުވެފައެވެ. މި އިންޓަވިއުއަކީ އޭނާ ލައިގެން ހުރި ޓީޝާޓަކާ ގުޅިގެން ކުރި އިންޓަވިއުއެކެވެ. މި ޓީޝާޓުގައި ބުނަނީ އޭނާ ރިޓަޔާ ވީ ކަމަށެވެ. ނަމަވެސް އިންޓަވިއުގައި ބުނަނީ އޭނާ ރިޓަޔާ ނުވާ ކަމަށެވެ.
ދެން މިއުޒިކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރިއާނާ ބުނީ އޭނާ އާ އަލްބަމްގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. މިގޮތަށް މަސައްކަތް ފެށީ މީގެކުރީން މަސައްކަތް ކުރަމުން އައި އަލްބަމަށް މާ ގިނަ ދުވަސް ވެފައިވާތީ ކަމަށް އޭނާ ބުންޏެވެ.
އެހާ ގިނަ ދުވަސްވެފައި ހުރި ލަވަތައް ވެސް މި އަލްބަމްގައި ހިމެނޭތީ މިއީ މިވަގުތަށް އޭނާއަށް ކަމުދާ ލަވަތަކަށް ނުވާތީ ބޭނުންވީ އަލުން އާ ފެށުމަކުން އެ އަލްބަމްގެ މަސައްކަތް ފެށުމެވެ.
އަލްބަމް އަށް ހެދި ހުރިހާ ލަވައެއް ބެހެއްޓުމަށްފަހު އަލުން މަސައްކަތް ފަށަން މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ. އަދި ވަރަށް އަވަހަށް ސްޓޫޑީއޯ އަށް ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އަލްބަމް އަށް ދެން ވާނެ ދުވަހެއް ނޭނގޭ ކަމަށް ރިއާނާ ބުންޏެވެ.
ރިއާނާ ދެން ނެރުމަށް ހަމަޖެހިފައިވަނީ އޭނާގެ ނުވަ ވަނަ ސްޓޫޑިއޯ އަލްބަމެވެ. އޭނާގެ އެންމެ ފަހުގެ އަލްބަމް "އެންޓީ" ރިލީޒް ކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ.