މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން އެމްޑީޕީއިން ގޮވާލައިފި

ކުރީގެ ރައީސް ޞާލިޙާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: -- ސަން ފޮޓޯ/ މޫސާ ނަދީމް

މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދާދިނުމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއިން ގޮވާލައިފިއެވެ.

ލޭނު މަސްވެރިކަމަށް ރާއްޖޭގެ ކަނޑުތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ އާމްދަނީ އެއްކޮށް ހުއްޓޭނެ ކަމެއް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއިން ވަނީ މިއަދު ނޫސްބަޔާނެއް ނެރެފައެވެ.

އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނީ ލޭނު މަސްވެރިކަމަށް ރާއްޖޭގެ ކަނޑުތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލާ, އެފަދަ ހުއްދައެއް ދޭން ފެށުމުގެ ކުރިން މަސްވެރިންނާއި އެ ސިނާއަތުގެ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އަދި ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ލޭނު މަސްވެރިކަން ކުރުމުގެ ނަމުގައި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ދިވެހި ކަނޑުތައް ވިއަކާލި ކަމަށާއި ލޭނު މަސްވެރިކަމަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ ކަނޑުތަކުގައި ޤާނޫނާއި ގަވާއިދުތަކާއި ބައިނަލްއަގުވާމީ މުއާހަދަތަކާ ހިލާފު އެތަކެއް ނޭދެވޭ އަމަލުތަކެއް ހިންގާފައިވާކަމަށް ވެސް ވަނީ ބުނެފައެެވެ.

މަސްވެރިންގެ މުޒާހަރާ މާލޭ ބޭރުމަތީގައި: މަސްވެރިންގެ އަަތުން މަސް ގަތުމަށް ފަހު، ފައިސާ ނުދީ ގިނަ ދުވަސްވާތީ މަސް ދޯނިތަކެއް މާލެ ފަޅު ކައިރީގައި މުޒާހަރާ ކުރަނީ -- ފޮޓޯ/ އެކްސް

އެމްޑީޕީއިން ބުނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ލޭނު މަސްވެރިކަން ހުއްޓުވީ މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެކަމުގައި ހުރުމުން މަސްވެރިންނަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށެވެ.

އަދި މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ޓަކައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލައިފައެވެ.

އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖުތަކާއެކު މިފްކޯގެ ކެޕޭސިޓީ ދެގުނަ ކުރުމަށް ފައިސާ ހޯދާފައިވާ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް އެ ޕާޓީއިން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.

އިނގިރޭސިވިލާތާއެކު އެމްޑީޕީގެ ސަރުކާރުން ގާއިމުކުރަން މަޝްވަރާ ކުރަމުންދިޔަ ފްރީ ޓްރޭޑް އެގްރީމެންޓުގެ ސްކޯޕް ފުޅާކުރުމުގެ ނަމުގައި މަޑުޖައްސަން މި ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި އެ ކަން ހުއްޓާލައި ވީހާ ވެސް އަވަހަށް އެ އެއްބަސްވުން ގާއިމުކޮށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދޭނެ އިތުރު ގޮތްތައް ފަހިކޮށްދިނުމަށް އެމްޑީޕީއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މިއަދު މާލޭ ފަޅުތެރޭގައި މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން-- ސަން ފޮޓޯ: އަމަން ލަތީފް

އެ ޕާޓީގެ ވެރިކަމުގައި “ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް” ގެ މެމްބަރުކަން ރާއްޖެއިން ހޯދާފައި ވަނީ ޔޫރަޕިއަން ޔޫނިއަނަށް ބޭރުކުރާ ދިވެހި މަހުން ޑިއުޓީ ކަނޑާލުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށާއި އެ ޖަމުއިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ލިބިފައިވާއިރު ފުރިހަމަ ކުރަން ޖެހޭ އެހެނިހެން މަރުހަލާތަކަށް ފަހު ރާއްޖޭގެ މަހުން ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ވީއެންމެ އަވަހަކަށް ޔޫރަޕިއަން ޔޫނިއަންގައި އެދުމަށް ވެސް ވަނީ ގޮވާލާފައެވެ.

މަސްވެރިންގެ އަަތުން މަސް ގަތުމަށް ފަހު ފައިސާ ނުދީ ގިނަ ދުވަސްވާތީއާއި ލޭނު މަސްވެރިކަން ހުއްދަ ކުރުމުގެ ސަބަބުން މަސް ދޯނިތަކެއް މާލޭ ފަޅަށް ވަދެ މިއަދު ވަނީ މުޒާހަރާ ކޮށްފައެވެ.

comment ކޮމެންޓް