އެސްޓީއޯ މުވައްޒަފުންގެ ނަމުގައި ފަލަސްތީނަށް 3 ލައްކަ ރުފިޔާ

އެސްޓީއޯއިން ފައިސާ ހަދިޔާކުރުން --

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފަރާތުން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ތިން ލައްކަ ރުފިޔާ މިއަދު ހަދިޔާ ކޮށްފިއެވެ.

އެސްޓީއޯއިން މި އެހީ ފޯރުކޮށްދީފައިވަނީ "ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓެލެތޯންގެ ތެރެއިންނެވެ.

އެސްޓީއޯގެ އިތުރުން ސަރުކާރުގެ ގިނަ ވުޒާރާތަކާއި މުއައްސަސާތަކުން ވެސް ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ޓެލެތޯންގެ ތެރެއިން ފައިސާ ހަދިޔާ ކުރަމުންނެވެ.

ޓެލަތޯންގައި އެއްކުރެވޭ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް މެދުވެރިކޮށް ކަމަށް ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމް އިން ވަނީ ބުނެފައެވެ.

އެއީ، އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރެއްގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 37،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް