އެސްއެސްޓިވީގެ ކްރޫއަށް އައްޑޫ ސިޓީން ހޫނު މަރުޙަބާއެއް!

އެސްއެސްޓީވީއަށް އައްޑޫ ސިޓީން ހޫނު މަރުޙަބާއެއް: އީކުއޭޓާ ވިލެޖުން އަދާކުރީ ފުރިހަމަ މެހެމާންދާރީއެއް -- ސަން ފޮޓޯ

އައްޑޫ ސިޓީން ޝާނިހާ ޝަރީފް

މި އަހަރުގެ އަޟްހާ ޢީދު ކަވަރޭޖަށް އެސްއެސްޓީވީއިން އައްޑޫ ސިޓީއަށް ކުރި ދަތުރުގައި އެ ރަށުން ހޫނު މަރުޙަބާއެއް މިއަދު ކިޔައިފިއެވެ.

އެސްއެސްޓީވީގެ ކްރޫއިން މިއަދު އައްޑޫ ސިޓީއަށް އައުމާއެކު އައްޑޫ ސިޓީ ކައުންސިލުން ވަނީ ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައެވެ.

"އައްޑޫ އީދި ސަމާ" ނަމުގައި މި އަހަރުގެ ބޮޑު ޢީދު އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށް މިހާރު އޮތީ ތައްޔާރަށެވެ.

ފޯރިގަދަ ސަގާފީ ކުޅިވަރުތަކާއި ވާދައިގެ މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރަށުގެ އާންމު ރައްޔިތުންނާއި ކައުންސިލާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ބޮޑު ޢީދަށް ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

އެސްއެސްޓީވީގެ ކްރޫން އައްޑޫއަށް ކުރާ މި ދަތުރުގައި މަޑުކުރުމަށް ހަމަޖެހިފައިވަނީ އައްޑޫގެ ހޮޓަލެއްް ކަމަށްވާ "އީކުއޭޓާ ވިލެޖު" ގައެވެ. އެ ތަނަށް އައުމާއެކު ވަނީ ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައެވެ. އެގޮތުން އީކުއޭޓާ ވިލެޖުގެ މެނޭޖަރު މުހައްމަދު ވަހީދު ވަނީ އެސްއެސްޓީވީގެ ކްރޫއަށް މަރުޙަބާ ވިދާޅުވެފައެވެ.

އީކުއޭޓާ ވިލެޖަށް މި ނަން ދެވުނީ، މި ހޮޓަލަކީ ދުނިޔޭގެ އީކުއޭޓާ ހުރަސްކުރުމަށް ފަހު ވަދެވޭ ހޮޓަލަކަށްވާތީއެވެ. އަދި މި ހޮޓަލުގައި މަޑުކުރުމަށް ޒިޔާރާތްކުރާ ކޮންމެ މެހެމާނަކަށް އީކުއޭޓާ ހުރަސްކުރުމުގެ އުފަލުގައި ލިޔުމެއްދެއެވެ. ވަހީދު ވަނީ އެސްއެސްޓީވީ ކްރޫގެ ކޮންމެ މުވައްޒަފަކަށް އެ ލިޔުން ވެސް ހަވާލުކޮށްދެއްވައިފައެވެ.

އީކުއޭޓާ ވިލެޖުގެ މެނޭޖަރު މުހައްމަދު ވަހީދު "ސަން" އާ ވާހަކަދައްކަވަނީ-- ސަން ފޮޓޯ

"ސަން"އާ ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ، އެސްއެސްޓީވީގެ ޓީމުން އީކުއޭޓާ ވިލެޖަށް އައުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި މި ޓީމަކީ އެ ހޮޓަލުގެ ވަރަށް ޚާއްސަ މެހެމާނުންތަކެއް ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އެ ހޮޓަލުން ދެވެން އޮތް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވަހީދު ވަނީ ދީފައެވެ.

"މިފަހަރުގެ އީދަށް މުޅި އައްޑޫ އެއްކޮށް ތިބީ ތައްޔާރަށް. އެހެންވީމަ އަޅުގަނޑަށް ހީވަނީ އައްޑޫގެ އީދު ކުޅިވަރު ބަލަން ވެސް މީހުން އައްޑޫއަށް އައުން އެއީ އައްޑޫއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްހެން. އަޅުގަނޑަށް ހީވަނީ، މިފަހަރުގެ އީދު ވަރަށް ކާމިޔާބު އީދަކަށް ވާނެ ކަމަށް،" ވަހީދު ވިދާޅުވިއެވެ.

އައްޑޫ އީދި ސަމާގެ ހަރަކާތްތައް ފަށާނީ އީދު ވިލޭރޭ ބައްވާ ކުލަގަދަ ސަގާފީ ހަރަކާތްތަކަކުންނެވެ. މި ހަރަކާތްތައް ހިތަދޫ ސިޓީ ސްކުއެއާ އާއި އަވަށްތަކުގައި ވެސް ބާއްވާނެއެވެ.

އީދު ދުވަސް އީދު ނަމާދުން ފެށުމަށްފަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބައެއް ހަރަކާތްތަކަކީ:

  • ކުލަޖެހުމާއި ފެންޖެހުން
  • ވާދެމުން
  • ބައިބަލާ މުބާރާތް (އީދު ދުވަހު ފަށައިގެން ފަސް ދުވަހަށް ދިގުދެމިގެން ދާ މުބާރާތެއް)
  • މަރަދޫ ފޭދޫ ފުޓްސަލް މުބަރާތާއި ވޮލީބޯޅަ މުބާރާތް
  • ކުޑަކުދިންގެ ހަވީރު
  • ޓްރެޝާ ހަންޓު

އެސްއެސްޓީވީ ކްރޫއިން އައްޑޫއަށް ކުރި ދަތުރުގެ ތެރެއިން -- ސަން ފޮޓޯ

އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ބުނީ، ޓްރެޝާ ހަންޓުން އެއްވަނައަށްދާ ޓީމަކަށް 20،000 ރުފިޔާ، ދެވަނައަށްދާ ޓީމަކަށް 15،000 އަދި ތިންވަނައަށް ދާ ޓީމަކަށް 5،000 ރުފިޔާ އިނާމުގެ ގޮތުގައި ވަނީ ކަނޑައަޅާފައިވާ ކަމަށެވެ.

ހަމައެއާއެކު، އީދުގެ ފޯރި ގަދަކުރުމާއި ރަށުތެރޭގައި އީދުގެ ކުލަ ގަދަކުރުމަށް އެންމެ ރީއްޗަށް ދިރިއުޅޭ ގެ ޒީނަތްތެރި ކުރާ ބަޔަކު ހޮވާ، އިނާމެއް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

އައްޑޫ އީދި ސަމާގެ ކުޅިވަރުތައް އެސްއެސްޓީވީ މެދުވެރިކޮށް ލައިވްކޮށާއި ރިކޯޑްކޮށްގެން ވެސް ދައްކާނެއެވެ. އަދި ޢީދާ ގުޅުން ހުރި ޚަބަރުތަށް ސަން އޮންލައިންގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭނެއެވެ.

އެސްއެސްނެޓްގެ ޗެނަލް ނަންބަރު އެކަކުން އަދި މީޑިއާނެޓުގެ ޗެނަލް ނަންބަރު 122 އިން އެސްއެސްޓީވީ ފެންނާނެއެވެ.

އަދި އެސްއެސްޓީވީގެ ފޭސްބުކް ޕޭޖުން އީދުގެ ހަރަކާތްތައް ލައިވްކުރާނެއެވެ. ހަމައެއާއެކު ސަން އޮންލައިން ވެބްސައިޓް މެދުވެރިކޮށް ވެސް އެސްއެސްޓީވީގެ ލައިވްސްޓްރީމް ބެލޭނެއެވެ.

comment ކޮމެންޓް