ހަޔާ އެޑިއުކޭޝަން މިނިސްޓަރީއާ ޗައިނާއާއެކު ބާސަރީ ޕްރޮގްރާމްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފަރާތުން ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމާއި އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ. މި ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ ވެސް ބައިވެރިވެލެއްވިއެވެ.
މިއަދު ބޭއްވި ސޮއިކުރުމުގެ ބައްދަލުވުމުގައި ޗައިނާ ސަފީރު ވަންގް ލިޒިން ވިދާޅުވީ މި އެއްބަސްވުމަކީ ޔުނިވާސިޓީގައި ކިޔަވަމުންދާ، ޚާއްސަކޮށް އެހެން ރަށްތަކުގެ ކެމްޕަހުގައި ތިބި ދަރިވަރުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތައް ހައްލުކުރުމަށް އެހީތެރިވުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
ވަންގް ލިޒިން ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ޒުވާނުންނަށް ޗައިނާގެ ސަގާފަތް ނުވަތަ ޗައިނީސް ބަސް ދަސްކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި ޗައިނާއާ ރާއްޖޭއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މީގެ އިތުރުން ޗައިނާގެ ސަގާފަތް ދަސްކުރުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ޗައިނާއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވަންގް ލިޒިން ވިދާޅުވިއެވެ.
މި ބާސަރީ ޕްރޮގްރާމްގެ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރްޔަމް މާރިޔާ ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ރަށްރަށުން ތައުލީމު ހާސިލުކުރުމަށް އައިސްތިބި ކުދިންގެ ހުރުމާއި ކެއުމާއި އިތުރު ކަންކަން ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
އަދި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށާއި މި ކަމުން އެނގެނީ ޗައިނާއިން ރާއްޖޭގެ މަތީ ތައުލީމަށް ދޭ އަހައްމިއްޔަތުކަން ކަމަށެވެ.
މިނިސްޓަރު ވަނީ ޗައިނާއިން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަޝިޕްތައް ދިންކަން ފާހަގުރައްވާ އެ ކަމަށް ޓަކައި ޗަައިނާގެ ސަފީރަށް ޝުކުރު ދަންނަވާފައެވެ.
މި ބާސަރީ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގުޅިގެން އެމްއެންޔޫ އަދި އިސްލާމީކް ޔުނިވާސިޓީއިން ވެސް ވަނީ ޗައިނާ ސަފީރަށް ޝުކުރު އަދާކޮށްފައެވެ.