ކުޅުދުއްފުށީގައި ޢީދުގައި އަތާއަތާލުމުގެ މުބާރާތެއް، އެއްވަނައަށް 10،000 ރުފިޔާ

ޢީދާއި ދިމާކޮށް ކުޅުދުއްފުށި ސިޓީގައި އަތާތުލުމުގެ ޗެލެންޖެއް---

ބޮޑު ޢީދާ ދިމާކޮށް ކުޅުދުއްފުށި ސިޓީގައި އަތާއަތާލުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި މުބާރާތަކީ ކުޅުދުއްފުށީ ކުއަންޓަމް ފިހާރައިން އިސްނަގައިގެން ކުޅުދުއްފުށި ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މި މުބާރާތް ޚާއްސަކޮށްފައިވަނީ 18 އަހަރުން މަތީގެ މީހުންނަށެވެ.

ކުޅުދުއްފުށީގައި އަތާއަތާލުމުގެ މުބާރާތް ފަށަން ހަމަޖެހިފައިވަނީ ބޮޑު ޢީދުގެ ފުރަތަމަ ދުވަހުއެވެ. ޙައްޖު ދުވަސް އަވަސްވުމާ އެކު މި އަހަރުގެ ބޮޑު ޢީދުގެ ފުރަތަމަ ދުވަހަކަށް ވާނީ މި މަހު 16 ވާ އާދިއްތަ ދުވަހެވެ.

މި މުބާރާތް އިންތިޒާމުކުރާ ފަރާތުން 'ސަން'އަށް މައުލޫމާތު ދެމުން ބުނީ، މި ފަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ ހަމައެކަނި ކަނާއަތުން އަތާއަތާލެވޭ ގޮތަށް ކަމަށެވެ. އަދި، މުބާރާތް ކުރިއަށްދާނީ ކިހާ ދުވަހަކަށްކަން އެނގޭނީ ބައިވެރިވާ މީހުންގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށް ވެސް ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވެވޭ ގޮތަށް ފުރަތަމަ އޮތީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ފިރިހެނުންނަށް އެކަންޏެވެ. އެކަމަކު، ފަހުންވަނީ އެހެން ރަށްރަށަށް ނިސްބަތްވާ މީހުންނަށް ވެސް މުބާރާތުގައި ބައިވެރިވެވޭ ގޮތަށް ބަދަލު ގެނެސްފައެވެ.

އަތާއަތާލުމުގެ މުބާރާތުން އެއްވަނައަށްދާ މީހަކަށް 10،000 ރުފިޔާ އަދި، ދެވަނައަށްދާ މީހަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ވަނީ ނިންމައިފައެވެ.

ގޫގްލް ފޯމު މެދުވެރިކޮށް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ. އަދި، މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 9736177 ނަންބަރަށް ގުޅައިގެން ހޯދަން ވަނީ އެދިފައެވެ.

ކުޅުދުއްފުއްޓަކީ އަބަދު ވެސް ޢީދާ ދިމާކޮށް ތަފާތު ކުޅިވަރުތައް ކުޅޭ ރަށެކެވެ. އެގޮތުން، އެ ރަށުގައި ބާއްވާ ޕެރޭޑުގައި ސިޔާސީ މީހުންނަށް ޖަހާ ޖޯކުތަކަށް އަބަދު ވެސް ބޮޑު ސަމާލުކަމެއް ލިބެއެވެ.

comment ކޮމެންޓް