ޔާމީންގެ މައްސަލަ ދަށު ކޯޓުގައި ތާވަލުކުރެވޭނެ ދުވަހެއް ނޭނގޭ

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނުގެ ޝަރީއަތް ދަށު ކޯޓުގައި ފެށޭނެ ދުވަހެއް ނޭނގޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ދަށު ކޯޓަށް އެންގި ފަހުން ގިނަ ދުވަސްތަކެއްވީ ނަމަވެސް އެ މައްސަލަ ތާވަލުކުރެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ. އޭގެ ފަހުން، ވެރިކަން ބަދަލުވެ މި އަހަރުގެ އޭޕްރީލް 18 ގައި ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ޔާމީން މިނިވަންކޮށްފައެވެ.

ދަށު ކޯޓުން މައްސަލަ ބެލީއިރުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތުކޮށް، ހައިކޯޓުން ވަނީ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަންގައިފައެވެ.

ހައިކޯޓުގެ ހުކުމަށް ދެ މަސްވާން ކައިރިވެފައިވާއިރު، މިއަދު ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، އެ މައްސަލަ އަދި ތާވަލުކުރެވިފައިނުވާ ކަމަށެވެ. އަދި، މައްސަލަ ބަލަން ވަކި ސެކްޝަނަކާ ހަވާލުކުރީ ވެސް މި ހަފުތާގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު: އެ ކޯޓުގައި ޔާމީންގެ ޝަރީއަތް ފެށޭނެ ދުވަހެއް ނޭނގޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެހެންވީމާ ތާވަލުކުރެވޭނެ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށް ސެކްޝަނުން ދެންނެވީ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައިގައި ދަށު ކޯޓުން 2022 ވަނަ އަހަރު ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައި ހުކުމާ ހަމައަށް ވާސިލުވިތާ ހަތަރު މަސް ފަހުން ހައިކޯޓުން އޭޕްރީލް މަހު ކުރި ހުކުމުގައި ވަނީ ދަށު ކޯޓު މަރުހަލާގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކޮށްފައެވެ. އެ މައްސަލަ ދަށު ކޯޓުގައި ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

https://sun.mv/191014

ޔާމީންގެ މައްޗަށް ތުހުމަތުކުރެވުނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު ވެރިކަންކުރެއްވީއިރު، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އޭރު ވ. ފެލިދޫ ދާއިރާގެ މެންބަރަކަަށް ހުންނެވި ޔޫސުފް ނައީމްގެ އަތުން ރިޝްވަތު ބައްލަވައިގެން، އެ ފައިސާ ލޯންޑާކުރި ކަމަށެވެ.

އެކަމަކު، ހައިކޯޓުން ވަނީ އެ މައްސަލައިގައި ޔޫސުފް ނައީމާއި ޔާމީންގެ މައްޗަށް ސާބިތުވި ހުކުމް ވެސް ބާތިލުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުނު ޔާމީން އިންތިޚާބަށް ފަހުގައި މިނިވަންވެވަޑައިގަތުމާ ހަމައަށް ހުންނެވީ ގޭބަންދުގައެވެ. އެކަމަކު، މި ވެރިކަމަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ސަރުކާރާ ދެކޮޅުވެ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި، އަމިއްލަ ޕާޓީއެއް އުފައްދަވައިފައެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ނަމުގައި ޕާޓީއެއް އުފެއްދެވި ނަމަވެސް ނިމުނު 20 ވަނަ މަޖިލީސް އިންތިޚާބުގައި އެ ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުވެއެވެ. އޭގެ ފަހުން ޔާމީން ވެސް ސިޔާސީ ހަރަކާތަކުން ނުފެނެއެވެ.

comment ކޮމެންޓް