ތޮއްޑޫ ހޭޅިފަށުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 2 ދުވަސް

އއ. ތޮއްޑޫގެ ހޭޅިފަށުގައި މީހަކު ރޯކޮށްލުން: އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 2 ދުވަސް ޖަހައިފި -- ފޮޓޯ/ ފަޔާޒު މޫސާ

އއ. ތޮއްޑޫގެ ހޭޅިފަށުގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން މިއަދު ދެ ދުވަސް ޖަހައިފިއެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ 21:29 އެހާކަންހާއިރެވެ.

ތޮއްޑޫ ބުރައިޓް އަންހެނުން މަގު ބޭރު ހޭޅިފަށުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ދެ ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

https://sun.mv/193047

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ ބައެއް ރަށްތަކުގައި މިގޮތަށް ތަންތަނުގައި ރޯކޮށްލައެވެ. މިދިޔަ އަންގާރަ ދުވަހު މާލޭގެ މަޖިލިސް ކުރިމަތީގައި ހުރި ސައިކަލުތަކެއްގައި ވެސް ވަނީ ރޯކޮށްލާފައެވެ. އެ މައްސަލައިގެ ތުހުމަތުގައި ވެސް މީޙަކު ވަނީ ހައްޔަރުކޮށްފައެވެ.

ތޮއްޑޫ ކައުންސިލް އިދާރާ ސަރަހައްދުގައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ވެސް އިއްޔެ އަށް މީހަކު އެ ރަށުން ހައްޔަރުކުރިއެވެ. އެކަމަކު، އެ އެންމެން މިހާރު ދޫކޮށްލައިފިއެވެ.

comment ކޮމެންޓް