ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މަތީ ތައުލީމު ހާސިލްކޮށް ދަސްވެނިވި ދަރިވަރުންގެ އަދަދު އަހަރަކަށްފަހު އަހަރެއް ދަނީ މަތިވަމުންނެވެ.
މާނައަކީ މަތީ ތައުލީމަށް އޮންނަ "ލޯބި" އިތުރުވީ ކަމެވެ. ތައުލީމީ ބަޔަކަށްވުމަށް ކުރާ މަސައްކަތް ވެސް ގިނަ ކަމެވެ. ނަމަވެސް، އެ މީހުންގެ އުޅުމާއި، ދިވެހި މުޖުތަމައުގެ އަޚުލާގީ ފޭރާމުން އެކަން ރިވެލިވޭބާއެވެ.
މިއީ މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ އޮތް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ހުށަހެޅުއްވި އަރަތެކެވެ.
އޭނާ އެރޭ ވިދާޅުވި ގޮތުގައި ރާއްޖޭގައި މަތީ ތައުލީމު ނިންމާ ދަސްވެނިންގެ ހިސާބުތަކަށް ބަލައިލުމަށްފަހު، ތަރުތީބުވެގެން އަންނަ ވިސްނުމަކީ، މުޖުތަމައުގެ އަޚުލާގީ ފޭރާން ރަނގަޅުވާން ޖެހޭނެކަމެވެ. ހޭލުންތެރިވެ ތިބޭ މިންވަރު ވެސް އިތުރުވާން ޖެހޭނެ ކަމެވެ.
މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވަމުންދާ ތަގުރީރުގައި އޭނާ ވަނީ އެ ދަރަޖައަށް ދިވެހި މުޖުތަމައު ނުދާކަން ސާބިތުވާ ބައެއް ކަންކަމުން މިސާލުު ދައްކަވާފައެވެ.
"މިސްކިތްތަކުގައި ދޮރުފަތްތަކެއް ނެތް ނަމަ، އަޅުގަނޑުމެން ނަމާދަށް ސައިކަލުގައި ގޮސް ޕާކު ކުރީހީ މިހުރާބާއި މިމްބަރާ ދެމެދުގައި. ސައިކަލުގައި ގޮސް ފިހާރާތަކަށް ވަދެވޭނަމަ، ސައިކަލް ޕާކު ކުރާނީ ސޭޓާއި ކައުންޓަރާ ދެމެދުގައި،" މިއީ އޭގެ އެއް މިސާލެވެ.
ދެން އޭނާ ފާހަގަކުރެއްވީ އެކަކު އަނެކަކާ މުއާމަލާތު ކުރުމުގައި އަނެކާގެ ހިތަށް ކުރާނެ އަސަރާ މެދު ކުޑަ ވެސް ވިސްނުމެއް ނުހުންނަ ކަމެވެ. އެހެން މީހެއްގެ އަބުރަށް އަރައިގަނެވޭއިރު، އޭނާގެ ހިތުގައި އަޅާ ވޭން އިހުސާސްކޮށްލެވޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އެފަދަ އެތައް މިސާލެއް މި މުޖުތަމައުން ދެއްކޭނެކަމަށް އޭނާ ގަބޫލުފުޅުކުރައްވައެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ، މަތީ ތައުލީމުގެ ތަފާސްހިސާބުތަކާއި، މުޖުތަމައުގެ ހާލަތު އަޅައިކިޔައި ގުރާފެއް ކުރަހައިފިނަމަ، ފެންނާނީ ދަށަށްދާ ރޮނގެއް ކަމަށެވެ.
މަތީ ތައުލީމު ހާސިލްކުރާ މީހާގެ ކިބައިގައި ވަކި އަޚުލާގީ ހަމަތަކެއް ހުންނަން ޖެހޭކަމަށް މުޖުތަމައުން ވެސް ގަބޫލުކުރާއިރު އެ ހަމަ ހިފެހެއްޓުމުގެ މުހިއްމުކަން ދަސްވެނިންނަށް ހަނދާންކޮށްދެއްވިއެވެ.
އެ ވާހަކަތަކަށް އެއްބަސްވާ މީހުން ގިނަކަން އެ ތަގުރީރަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބުން ހާމަވެއެވެ.
ސުވާލަކީ އެންމެންގެ ކަންބޮޑުުވުން އޮތް މި މައްސަލަ ފެށެނީ ކޮން ހިސާބަކުންތޯއެވެ. އަދި އެ މައްސަލަ ހައްލު ކުރެވެން އޮތީ ކިހިނެތް ތޯއެވެ.
އެންމެ މުހިންމީ ޅަ އުމުރުގައި ހެޔޮނުބައި ވަކިކޮށްދިނުން
ފަނޑިޔާރު މަހާޒުގެ ވާހަކަތައް އަމާޒުވަނީ މަތީ ތައުލީމު ނިންމާ ދަސްވެނީންނަށްކަމުގައި ވިޔަސް، މި މައްސަލައަކީ ތައުލީމީ ދާއިރާގެ ހުރިހާ މަރުހަލާއެއްގައި މޫލައިފައިވާ މައްސަލައެކެވެ. ކުދިންގެ އަޚުލާގު ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުންދާ ވާހަކައަކީ ދަށް ގުރޭޑުތަކުގެ ޓީޗަރުން ވެސް އަބަދާއަބަދު ފާހަގަކުރަމުންދާ ކަމެެވެ.
ގިނަފަހަރަށް މުޖުތަމައުގެ އަދަބު އަޚުލާގު ބޮޑެތި ކުދިންގެ ކިބައިގައި އަށަގެންނެވުމަށް އެޅޭ ހުރަކަށް ވަނީ ވެސް ޅަ އިރުއްސުރެ އެގޮތަށް އެ ކުދިން ތަމްރީނުވެފައި ނުވުމެވެ.
"ކުއްޖާ ގޯސް ކަމެއް ކުރީމައި އެންމެ މުހިއްމު ކަމަކީ އެ ކުރެވުނީ ގޯސް ކަމެއްކަން އެ ކުއްޖާއަށް ބުނެދިނުން. މި ބުނަނީ އެއްޗެހި ގޮވާ ރުޅި އަންނަ ވާހަކައެއް ނޫން. އެކަމަކު ރީތިކޮށް ބުނެދޭ ވާހަކަ،" މާލޭގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ކިޔަވައިދެމުންދާ މުދައްރިސަކު އޭނާގެ ޚިޔާލު ފާޅުކުރިއެވެ.
އޭނާ ވިދާޅުވިގޮތުގައި ކުދިންގެ އަޚުލާގަށް ނޭދެވޭ އަސަރުކުރާ އެތައް ކަމެއް މިހާރުގެ ކުދިން ބޮޑެތިވަމުން އަންނަ މާހައުލުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ކުދިންގެ ގޭތެރޭގެ ގުޅުންތައް ހުންނަ ގޮތުގެ ސަބަބުން ކުރާ އަސަރުތައް އޭނާ ފާހަގަކުރިއެވެ.
"ގޭ ތެރޭން އެ ކުދިންނަށް ލިބެންވާ އަޅާލުމާއި އެޓެންޝަން ނުލިބުނީމާ، ކްލާސްގަޑީ ކުދިންނާއި، ޓީޗަރުގެ އެޓެންޝަން އެ ކުއްޖާއަށް ބަހައްޓަން ބޭނުންވެ، އެ ގޮތުން އެކި ކަންކަން ކުރޭ،"
"ބައެއް ކުދިންގެ ކިބައިން އަމިއްލަ އެދުން، ނޫނީ ސެލްފިޝް އުޅުން އެބަ ފެނޭ. ގޭގައި ހުންނަ ހަމައެކަނި ދަރިފުޅަށް، ނޫނީ މަދު ކުދިންގެ ތެރެއިން ކުއްޖަކަށް ވާތީ ކުލާހުގައި ޓީޗަރުގެ ފަރާތުން ވެސް ގޭގައި އެ ލިބޭ ވަރުގެ އެޓެންޝަނެއް ބޭނުންވަނީ. އެހެން ނުވިއްޔާ ވަަރަށް އެގްރެސިވް ވޭ ބައެއް ކުދިން،" އޭނާ ކިޔައިިދިނެވެ.
މީގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި ބައެއް ކުދިންނަކީ ސްޕޯޓްސް އެކެޑަމީއާއި، ޓިއުޝަން ކްލާސްތައް ހިމެނޭހެން ވަރަށް ބިޒީ ތާވަލެއްގައި އުޅޭ ކުދިންނެވެ. އެހެންކަމުން ކްލާސް ގަޑީގައި އެ ކުދިންގެ ސިކުނޑިތައް ހުންނަނީ ވަރަށް ބޮޮޑަށް ވަރުބަލިވެފައެވެ. ނަތީޖާއަކަށް ވަނީ ކުލާހުގައި ހަވާލުކުރާ މަސައްކަތްތައް ނުކުރެވި، އެހެން ކުދިންނާ ވާހަކަދެއްކުމުގައި ވަގުތުތައް ބޭކާރު ކުރެވުމެވެ.
ޒަމާނަށް އަންނަ ބަދަލުތަކާއެކު ކުދިންގެ ޑިޖިޓަލް ލައިފް ރަނގަޅަށް މޮނިޓަރު ނުކުރެވުމުގެ ސަބަބުން އެ ކުދިންގެ ސިކުނޑިއަށް އަހަރެމެންގެ ސަގާފަތާ ނުގުޅޭ ނުފޫޒުތައް ވަނުމަކީ ވެސް އާންމު މައްސަލައެއް ކަމުގައި އޭނާ ބުންޏެވެ.
މިއީ އަދި ބައެއް މިސާލުތަކެވެ. އަހަރެމެންގެ ރާއްޖޭގައި އާންމުވެފައިވާ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ކުޑަ ކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް އަދި މިއަށްވުރެ ގިނަވެފައި ތަފާތެވެ.
މިއީ ކިތަންމެ ކުދިކުދި ކަންކަން ކަމުގައި ބެލެވުނު ނަމަވެސް، އެ ކުދިން ބޮޑެތިވަމުން އަންނަ ވަރަކަށް މި މައްސަލަތަކުގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރު އަންނާނީ ބޮޑުވަމުންނެވެ. ޅަ އުމުރުގައި އެ ކުދިންނަށް ރަނގަޅަށް ހެޔޮ ނުބައި ވަކިކޮށް ނުުދެވި، އެ ކުދިންނަށް ދިމާވަމުން އަންނަ މައްސަލަތަކަށް ހައްލު ހޯދައިި ނުދެވިއްޖެނަމަ، އެ ކުދިންނަށް މުޖުތަމައުގެ އާންމު އަދަބު އަޚުލާގާ ޚިލާފުވުން އެއީ މާ ބޮޑު ކަމަކަށް ނުވާނެއެވެ.
ކުދިން ކުރާ ކަންކަމަށް ޒިންމާދާރު ކުރުވަން ޖެހޭ
ރާއްޖެތެރޭ ސްކޫލެއްގައި ސެކަންޑްރީއަށް ކިޔަވައިދޭ މުދައްރިސަކު ކިޔައިދިން ގޮތުގައި، ގިނަ ފަހަރު ކުދިން އަޚްލާގު ގޯސްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ކުދިންގެ ހައްގުތަކެއް ކަނޑައަޅާފައިވީ ނަމަވެސް، އެ ކުދިން ކުރާ ގޯސް ކަންތައްތަކަށް ޖަވާބުދާރީކުރުވޭނެ ގޮތެއް ނެތުމެވެ.
"އޭގެ ސަބަބުން ކުދިން ގޯސްކޮށް ކަމެއް ކުރި ނަމަވެސް އެކަމަށް އެކަށީގެންވާ އަދަބެއް ނުދެވޭ، ކުދިންނަށް އެބަ ޔަގީންކަން އޮވޭ ތިމަންނަ މިކަން ކުރިއަސް އެއްވެސް ކަމެއް ނުކުރެވޭނެ ކަމުގެ،" އޭނާ ބުންޏެވެ.
އޭނާގެ ވިސްނުމުގައި މައިންބަފައިން ދަރިންނަށް ދައްކަން ޖެހޭ ނަމޫނާ ނުދެއްކުމަކީ ވެސް ކުދިންގެ އަޚްލާގު ގޯސްވާން ދިމާވާ ސަބަބެކެވެ. ގިނަ ފަހަރު ދަރިން ގާތުގައި ނަމާދަށް ދާށޭ ބުނާއިރު، މައިންބަފައިން ތިބޭނީ ނަމާދު ނުކޮށް ކޮންމެވެސް އެހެން ކަމެއްގައެވެ.
މިހެންވުމުގެ ސަބަބުން ދަރިންނަށް ވެސް އެއީ އެހާ މުހިންމު ކަމެއްގެ ގޮތުގައި ގަބޫލު ނުކުރެވޭނެ ކަމުގައި އޭނާ ދެކެއެވެ.
"އެމީހުންނަށް ވިސްނޭނީ، އެއީ މުހިންމު ކަމެއް ނަމަ މަންމަމެން ވެސް އެކަން ކުރާނެއޭ. އެގޮތަށް،" އޭނާ ކިޔައިދެއްވިއެވެ.
ކުދިންގެ އަޚްލާގު ގޯސްވާން ދިމާވާ އެހެން ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރީ މައިންބަފައިން ދަރިންނަށް އަޅައިލަންޖެހޭވަރަށް އަޅައި ނުލުމެވެ. ދަރިން އުޅޭ ނޫޅޭ ބަލާ ބެލެނިވެރިން އަދުގެ މި މުޖުތަމައުގައި ވަރަށް ވެސް މަދެވެ. ތިމާގެ އުމުރަށް ވުރެ ބޮޑެތި ކުދިންނާއެކީ އުޅެ ހަލާކުވާ ކުދިން ވެސް ވަކި މަދެއް ނޫނެވެ. ފަނަރަ އަހަރު ނުވަތަ އެއަށް ވުރެ ވެސް ކުޑައިރު މަސްތުވާތަކެތީގެ ވަބައިގައި ޖެހި ސަލާމަތް ނުވެވިފައި ތިބޭ ކުދިން ވެސް އެބަ ތިބެއެވެ.
އޭނާ ދެކޭ ގޮތުގައި ދަރިން އުޅޭ ނޫޅޭ އެއް ނުބަލައި އެގޮތަށް ދޫކޮށްލުމުގެ ސަބަބުން އެ ކުދިން ދެން ދަނީ މައިންބަފައިން އަތް ނުފޯރާ ހިސާބަށެވެ.
"އޭރަށް މިވާ ގޮތަކީ ދަރިން މައިންބަފައިންގެ މައްޗަށް އަމުރުކުރަނީ. މައިންބަފައިން މި ތިބެންޖެހެނީ ދަރިންގެ ދަށުވެފަްއި،" އޭނާ ކިޔައިދިނެވެ.
ކުޑައިރު މައިންބަފައިން އަކުރު ދަސްކޮށްދޭން ޖެހޭ މަރުހަލާގައި ދަރިން އެހެން މީހެއްގެ ގާތަށް ނުވަތަ ކުލާހަކަށް ފޮނުވާ ފޮނުވުމަކީ ވެސް އަޚްލާގު ރަނގަޅު ކުދިންތަކެއް ބިނާކުރުމަށް އެޅޭ ހުރަހެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
މީގެ ސަބަބުން މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަވީ އެންމެ ފުރިހަމަ ގުޅުމާ ލޯބި މައިންބަފައިންގެ މައްޗަށް ނޯންނަކަން ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ހުރިހާ ވާހަކަތަކަކަށް ބަލައިލުމުން ތައުލީމު ދިނުމުގެ ހުރިހާ މަރުހަލާއެއްގައި އަޚުލާގީ ގޮތުން ރަނގަޅު ދަރިވަރެއް ބިނާ ކުރުމުގައި ދޭންޖެހޭ އަހައްމިއްޔަތުކަން ހާމަވެއެވެ. އެންމެ ކުޑައިރުން ފަށައިގެން ގޭތެރެއާއި، މަދަރުސާތަކުގައި އެ ކުދިން ހެޔޮ މަގަށް ބައްޓަން ކުރުމަށް ހުރި ދަތިތައް ފާހަގަވެއެވެ.
ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމައަށް ނެގިއަސް އޮންނާނީ ކައްޗަށެވެ. ސްކޫލު ދައުރުގައި ރިވެތި އަޚުލާގަށް ކުދިން ބައްޓަން ނުކުރެވިއްޖެނަމަ، މަތީ ތައުލީމުގެ މަރުހަލާއިން މުޖުތަމައަށް އެ ނުކުންނަށްޖެހޭ ގަދަރުވެރި ދަސްވެނިން އުފެދުން އަދިވެސް ވާނީ ދަތިކަމަކަށެެވެ. ފަނޑިޔާރު މަހާޒު ކުރެއްސެވި ގުރާފުގެ ރޮނގު ދެން ވެސް ދާނީ ދަށަށެވެ.