ރައްޔިތުންގެ ހާލު ބެލުމަށް މިހާރު ފަށައިގެން އުޅޭ ޕްރޮގްރާމްގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވީ ގެދޮރުވެރިކަމާއި ވަޒީފާގެ މައްސަލަތައްކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ހާލުބެލުމުގެ ޕްރޮގްރާމުން ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތަކުގެ މައުލޫމާތު ވަރަށް ގާތުން އަޑުއިވޭ ކަމަށެވެ.
މިގޮތުން އެންމެ ބޮޑުކަމަށް ފާހަގަ ކުރެވިފައި ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ފާހަގަކުރެއްވި ފަދައިން ގެދޮރުވެރިކަމުގެ މައްސަަލަ ކަމަށާއި އެއަށްފަހު ވަޒީފާގެ ކަންތައްތަކުގެ މައްސަލަަކަން ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވަނީ ރައްޔިތުން އެ މީހުންގެ ހާލަށް ކެތްތެރިވާ މިންވަރު ފާހަގަ ކުރައްވައިފައެވެ.
"މި ހުރިހާ ކަމަކުން ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ އެ ހާލުތަކަށް ކެތްތެރިވާ ވަރާއި އެ މީހުން ޝުކުރުވެރިވާވަރު އެ މީހުންގެ ހާލަށް. ހަމަ އެއްކޮށް މަސައްކަތް ކުރަން ވެސް ބޭނުންވާ ވަރު،" ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހާލުބެލުމުގެ ޕްރޮގްރާމްގެ ދަށުން މިވީ ދެ ހަފްތާގެ ތެރޭގައި 200 އާއިލާއަކާއި ބައްދަލު ކުރެވިއްޖެ ކަމަށާއި ކޮންމެ އާއިލާއެއްގެ ފަރާތުން ވެސް ދެއްވާ މެހުމާންދާރީއާއި ހިތްހެޔޮކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ.
ރައްޔިތުންގެ ހާލަތު ދެނެގަނެ ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައުއެއް ބިނާ ކުރުމަށް ރައީސް ޑރ. މުއިއިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން މިދިޔަ މޭ މަހުގެ 31ވަނަ ދުވަހު ފެށި ޕްރޮގާރްމެކެވެ.
މި ޕްރޮގްރާމުގެ ތެރެއިން ގއ، ގދ، އައްޑޫ ސިޓީގެ އިތުރުން އަދި ލ. އަތޮޅުގެ ގެތަކަށް އެ ވުޒާރާގެ ޓީމުތަކުން ވަނީ ޒިޔާރަތްކޮށް ހަރަކާތްތެރިވެފައެވެ.
ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މި މަސައްކަތް ކުުރާނެ ކަމަށާއި ސަރުކާރުގެ އެހެން މުއައްސަސާތަކަށާއި އެންޖީއޯސް ތަކަށާއި ޒުވާނުންނަށް މި މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމުގައެވެ.