އާމިނަތު ޝަރީފާއި ނަމްޒާ އެހެން މިނިސްޓްރީއަކަށް

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފް (ވ) އަދި ޑެޕިއުޓީ މިނިސްޓަރު ނަމްޒާ (ކ): ދެ ބޭފުޅުން ވަނީ އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފައި ---

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އައިމިނަތު ހުސައިން ޝަރީފްއާއި އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އާމިނަތު ނަމްޒާ އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފިއެވެ.

މި ފަދަ ބަދަލެއް ގެނެސްފައި މި ވަނީ ޖެންޑާ މިނިސްޓްރީގެ ތެރޭގައި ނުތަނަވަސްކަމެއް އުޅޭ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން ދަނިކޮށެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ، ސްޓޭޓް މިނިސްޓަރު އާމިނަތު ޝަރީފްއާއި ޑެޕިއުޓީ މިނިސްޓަރު ނަމްޒާ އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އެ ބަދަލު ގެނައި ސީދާ ސަބަބެއް ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ނަމްޒާ ވިދާޅުވި ގޮތުގައި އެނާ ބަދަލުކޮށްފައިވަނީ ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއަށެވެ.

މި ބަދަލު ގެނެސްފައިވާއިރު ޖެންޑާ މިނިސްޓްރީގެ ކ. ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒު ވެސް ބަލަހައްޓާ އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އާއިޝަތު ޝޫޒާ ވަނީ އޭނާއާ މެދު ތަފާތުކުރުން ގެންގުޅެ، ވަޒީފާއިން ވަކިވާން މަޖުބޫރުކުރި ކަމަށް ތުހުމަތުކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފްއަކީ ރައްޔިތުންގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ދަރިކަނބަލުންނެވެ.

ސަރުކާރުގެ ބައެއް މަގާމުތަކަށް މި ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ބަދަލު ގެންނަވާފައެވެ.

އެގޮތުން، ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމާ އެކު، އެ މަގާމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އައްޔަންކޮށް، ފޮރިން މިނިސްޓަރުކަމަށް ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ ޚަލީލް އައްޔަންކޮށްފައިވެއެވެ. ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

comment ކޮމެންޓް