ވޭމަންޑޫގައި ކުޑަކުދިން ބަލަހައްޓާ ސެންޓަރުގައި މުވައްޒަފަކަށް ހަމަލާދިންކަމުގެ ތުހުމަތުކޮށް މުޒާހަރާއެއް

ވޭމަންޑޫ: އެ ރަށުގައި ހުންނަ އެފްސީއެސްސީއަށް ޖެންޑާ މިނިސްޓްރީން ގެނައި ކުދިންތަކެއް ވަނީ ހަމަނުޖެހުން ހިންގައި ކެއާ ވޯކަރަކަށް ހަމަލާދީފައި --- ފޮޓޯ: އަރުޝަދު

ތ. ވޭމަންޑޫގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓާ ފެމިލީ އެންޑް ޗިލްރެން ސެކިއުރިޓީ ސެންޓަރު (އެފްސީއެސްސީ)ގައި މުވައްޒަފަކަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް، އެ ސެންޓަރު ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.

މި ކަމާ ގުޅިގެން ވޭމަންޑޫ ކައުންސިލްގެ މެންބަރު ފައިސަލް ޔޫނުސް "ސަން"އަށް ވިދާޅުވީ ޖެންޑާ މިނިސްޓްރީން މިފަހުން އެފްސީއެސްސީއަށް ފަސް ކުއްޖަކު ގެނައި ކަމަށާއި، ހަމަނުޖެހުން ހިންގީ އެ ކުދިން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ތުހުމަތު ވަނީ އެ ސެންޓަރުގެ ކެއާ ވޯކަރެއްގެ ބޮލުގައި ބިއްލޫރި ބޯތަށްޓަކުން ޖެހި ކަމަށެވެ. އަދި އެ ތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެކަން ހިނގައިގެން އުޅޭކަން އެ ރަށުގެ ރައްޔިތުންނަށް އެނގުނު ހިސާބުން އެ ސަރަހައްދަށް ރައްޔިތުން ޖަމާވެ، ހިތްހަމަނުޖެހުން ފާޅުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ ވޭމަންޑޫ އެފްސީއެސްސީގެ ކުރިމަތީ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާތީ، ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ޖެންޑާ މިނިސްޓްރީއަށް އެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ ކުދިން ބަލައި އަންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފްސީއެސްސީގައި ތިބޭ ކުދިން އެ ފަދަ ހަމަނުޖެހުންތައް ވަރަށް ގިނައިން ހިންގައެވެ.

comment ކޮމެންޓް