ރައީސްގެ ސިޔާސަތަކީ އިންޑިއާއާ އިތުރަށް ގުޅުން ބަދަހިކުރުން: ޒަމީރު

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އިންޑިއާއާ އިތުރަށް ގުޅުން ބަދަހިކުރުން ކަމަށާއި އެ މަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދެއްވި ދައުވަތަކަށް ރައީސް މުޢިއްޒާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އިންޑިއާއަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ސްޓްރެޓްނިއުސް ގްލޯބަލްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ލިބުމަކީ ރައީސަށް ލިބިވަޑައިގަތް ޝަރަފެއް ކަމަށެވެ. އަދި ބޮޑުވަޒީރު މޯދީއާ އެކު މަސައްކަތް ކުރައްވައި، ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރުމަށް ރައީސް މުޢިއްޒު ބޭނުންފުޅުވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ޒަމީރާ ހަވާލާދީ ސްޓްރެޓްނިއުސްއިން ބުނެފައިވަނީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަވަށްޓެރި ގައުމު ކަމަށެވެ. އެ ގޮތުން މަތީ ފަންތީގެ ވަފުދަކާއެކު ރައީސް މުޢިއްޒު، ނިއު ދިއްލީއަށް ކުރައްވާ ދަތުރުފުޅުން ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މުހިންމުކަން ހާމަވެގެންދާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި އެއީ މި ގުޅުމަށް ދޭ އަހަންމިއްޔަތުކަން ވެސް ހާމަވާ ކަމެއްކަން މިނިސްޓަރު ފާހަގަ ކުރައްވާފައިވެއެވެ.

https://www.sun.mv/192087

މިދިޔަ މެއިމަހުގެ ތެރޭގައި ޒަމީރުވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ އެކުވަނީ މަޝްވަރާތައް ބާއްވާފައެވެ. މިކަން ފާހަގަ ކުރައްވައި މިނިސްޓަރު ޒަމީރު ވިދާޅުވީ ދެގައުމުގެ ތަރައްގީއާއި، ގުޅުންތައް އިތުރަށް ކުރިއަށް ގެންދިއުމުގެ އުންމީދު ދެ ގައުމުގެ ވެސް އޮތް ކަމަށެވެ.

އިންޑިއާއަކީ ރާއްޖޭގެ މުހިންމު އެކުވެރިއެއްގެ ގޮތުގައިއާއި ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތް ގައުމެއްކަން ފާހަގަކުރައްވައި، އެ ގައުމުން ދެމުންގެންދާ އެއްބާރުލުން ގަބޫލުކޮށް، އެ ކަމުގެ އަގުވަޒަންކުރާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މޯދީ ވެރިކަމުގެ ހުވާ ކުރެއްވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ޖާފަތުގައި ރައީސާއި މޯދީ -- ފޮޓޯ/ ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި މި ސަރަހައްދުގެ ހަތް ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ރައީސްގެ އިތުރުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ، ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފް އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ހިމެނެއެވެ.

މޯދީއަކީ ކުރީގެ ބޮޑުވަޒީރު ޖަވާހިރުލާލް ނެހުރޫއަށް ފަހު، ތިން ވަނަ ދައުރެއް ކާމިޔާބު ކުރެއްވި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބީއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވަނިކޮށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ މިއަހަރުގެ ކުރީކޮޅު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.

އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ.

https://sun.mv/192087

ނަމަވެސް، ޒަމީރު މިދިޔަ މަހުގެ އަށްވަނަ ދުވަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުގައި ދެ ގައުމުގެ ގުޅުން ކުރިއަށް ވުރެ ތަންކޮޅެއް ރަނގަޅުވެފައިވާ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް