ހިޔާވަހި ލުއިލޯނު ސްކީމުގެ ބައިވެރިއެއްގެ ގޮތުގައި ހައުސިން މިނިސްޓްރީއާއެކު އެމްއައިބީން އެމްއޯޔޫގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ސީއީއޯ މުފައްޛަލް އިދްރީސް ޚުމްރީއެވެ.
މިކަމަށް ޚާއްސަކޮށް ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ، އެމްއައިބީން މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއުލާނު ކުރެއްވި ލުއި ލޯނު ސްކީމުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި އެމްއޯޔޫގެ ބޭނުމަކީ އެމްއައިބީން އެޗްޑީއެފްސީއާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދޫކުރާ ލޯނު ތަކުގައި އެހީވުންކަމަށެވެ.
"ރައީސުލް ޖުމްހޫރިއްޔާގެ ވައުދު ފުޅެއް ފަސް ޕަސެންޓު ނުވަތަ އެއަށް ވުރެ ދަށުގައި އިންޓްރެސްޓު ބަހައްޓައިގެން ދިގު މުއްދަތުން ދައްކާ ލުއި ލޯނު ސްކީމެއް ތައާރަފް ކުރުމަކީ،" މިނިސްޓަރު ވިދާޅުވިއެވެ.
ގޯތި ގެދޮރު އެޅުމަށާއި ފަށައިފައި ހުރި މަސައްކަތްތައް ނިންމަން ދޫކުރާ ޚާއްސަ ލުއި ލޯނުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނު ޖަލްސާއެއްގެ ތެރެއިންނެވެ.
ރައީސް އޭރު ވިދާޅުވީ އެއީ މާލެ ސިޓީގައާއި, ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް އަމިއްލަ ގޯތި ހުރެ އެ ގޯތީގައި ގެޔެއް އިމާރާތް ކުރެވޭނެ ތަނަވަސްކަން ނެތް ކަމަށެވެ.
އަދި އާންމުކޮށް ހުންނަ ކޮމާޝަލް ރޭޓުތަކުގައި ލޯނު ނަގައިގެން ގެ ނެހެދޭނެ މީހުންނަށް އަތްފޯރާ ފަށުގައި ލުއި ލޯނުތަކެއް ދިނުމަށް ޓަކައި އަމިއްލަ ގެ ހެދުމަށް ދޭ ލޯނު ސްކީމުތަކެއް ކަމަށެވެ.