ރަަށު ޕިކަޕެއް ހޯދަން ފުވައްމުލައް ކައުންސިލުން 2 ލައްކައަށްވުރެ ބޮޑު ޚަރަދެއްކޮށްފި

ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާޢީލް ރަފީޤް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ފުވައްމުލައް ކައުންސިލް އިދާރާގައި ބޭނުންކުރުމަށް ރަށު ޕިކަޕެއް ހޯދުމަށް ދެ ލައްކަ ރުފިޔާއަށްވުރެ ބޮޑު ޚަަރަދެއް ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން ވަނީ ފުވައްމުލައް ކައުންސިލުގެ 2022ވަނަ އަަހަރުގެ އޮޑިޓް ރިޕޯޓު އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވަނީ ކައުންސިލްގެ ޚަރަދުތަކާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހިމަނައިފައެވެ.

އެ ރިޕޯޓުން އެނގޭ ގޮތުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ ކައުންސިލާއި ކޮރަލް ހޯލްޑިންގްސް އެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.

ރަށު ޕިކަޕެއް ހޯދަން 16 ޖޫން 2022 ވަނަ ދުވަހު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން 227،900 އެ ހޯދުމަށް ޚަރަދުކޮށްފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ އެ ވެހިކަލް ހޯދުމަށް ބޭނުންވާ ސައްހަ މައުލޫމާތު، މައުލޫމާތު ޝީޓުގައި ހިމަނައިފައި ނުވާކަމަށް ބުނެފައެވެ. އަދި މައުލޫމާތު ޝީޓުގައި ކޮންމެހެން ހުންނަންޖެހޭ ލިޔުންތައް ނެތި ބިޑު ބަލައިގަތުން ވެސް ވަނީ މައްސަލަައެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ހަމައެއާއެކު ސަޕްލައިކޮށްފައިވަނީ ކައުންސިލުން އެދުނު ސްޕެސިފިކޭޝަންގެ ވެހިކަލް ނޫންކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އަދި އިތުރަށް 194،900 ޚަރަދުކުރަން ޖެހުނީ ރަށު ޕިކަޕްގެ ބަދަލުގައި ބެޓަރީ ޕިކަޕް ޓްރަކެއް ގެނައުމުންކަމަށް ވެސް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި ވަނީ މާލީ އަހަރުގެ ނިޔަލަށް އެކިއެކި ފަރާތްތަކުން ލިބެންޖެހޭ ފައިސާ ކައުންސިލަށް ހޯދައިފައިނުވާ ކަމަށް ވެސް ބުނެފައެވެ.

އެގޮތުން 31 ޑިސެމްބަރު 2022ގެ ނިޔަލަށް ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 2،265،046 ރުފިޔާ ނުލިބިވާ ކަމަަށްވެއެވެ.

ހަމައެއާއެކު ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އެގޮތުން 31 ޑިިސެމްބަރު 2022ގެ ނިޔަލަށް ބަލައިގެންފައިވާ 870،355 ރުފިޔާ ޖަމާނުކޮށް ހުރިކަމަށް ވަނީ ފަހަގަވެފައެވެ.

އޮޑިޓް ރިޕޯޓުތަކުން މީގެ ކުރިން ވެސް ވަނީ ކައުންސިލްތަކުގެ މިފަދަ ބައެއް މައްސަލަތައް ފެެންމަތިވެފައެވެ. ނަމަވެސް އެ ކަންކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް ނޭޅެއެވެ.

comment ކޮމެންޓް