ދިވެހިރާއްޖޭގައި އަމަލު ކުރަމުން އަންނަ ޑައިވިންއާ ގުޅޭ ގަވާއިދު ޒަމާނުގެ ތެރެއަށް ފެއްތުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ރޭ ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުމާ ގުޅިގެން އެ ސިިޓީގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޑައިވަރުންނާ ބައްދަލުވުމުން، ޑައިވަރުންގެ ކަންބޮޑުވުންތައް އެނގިވަޑައިގަތް ކަމަށެވެ.
ރާއްޖޭގައި އަމަލު ކުރަމުން އަންނަ ޑައިވިންއާ ގުޅޭ ގަވާދަކީ 1991ވަނަ އަހަރު ހަދާފައިވާ ގަވާއިދެއްކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހު ގެނައުން ޓޫރިޒަމް މިނިސްޓްރީން ކުރިޔަށް ގެންދާނެ ކަމަށެވެ.
"1991ވަނަ އަހަރު ހެދިފައި އޮތް ޑައިވިންއާ ބެހޭ ގަވާއިދުތަކެއް މިހުރީ. އެހެންވީމާ އެ ކަމުގައި މިހާރު އެ ބޭފުޅުންނަށް ދިމާވާ ޗެލެންޖަސް، އޭގެ ތެރެއިން ފާހަގަ ކުރެވުނު އެއްކަންތައް، ޑައިވްކޮށްފަ 24 ގަޑިއިރު ފަހުން ފްލައި ކުރެވުން. އެހެން ނަމަވެސް އިންޓަނޭޝަނަލް ޕްރެކްޓިސް އޮންނަ ގޮތަކީ 18 ގަޑިއިރަށް ފަހު ފްލައި ކުރެވުން" މިނިސްޓަރު ވިދާޅުވިއެވެ.
"...1991ވަނަ އަހަރު ހެދިފައި އޮންނަ ގަވާއިދެއް، މިހާރު އަޅުގަނޑުމެން މި ތިބީ 2024ގައި. މި ކަންކަމުގައި އަޅުގަނޑުމެން ގެންނަންޖެހޭ އިސްލާހުތަކެއް ހުންނާނެ. އެހެންވީމަ އެ މަސައްކަތް އަޅުގަނޑުމެން ކުރިޔަށް ގެންދާނަން"
މިނިސްޓަރު ވިދާޅުވީ ޑައިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ބޭފުޅުންގެ ލަފާއާއި މަޝްވަރާގެ މަތިން، އަދި ކުރިޔަށް އޮތް ތަނުގައި ގަވާއިދުތައް އަވަސް އަވަހަށް އިސްލާހު ކުރަން ނުޖެހޭފަދަ ގޮތަކަށް އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގައި މިނިސްޓަރު ދެއްވި މެސެޖުގައި ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކަމާ ގުޅުން ހުރި އެހެން ޖަމިއްޔާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ބައިނަލްއަގްވާމީ ގޮތުން ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމުގެ މަސައްކަތްތަކާއި، ރާއްޖެއަށް އާ މާކެޓުތައް ގެނައުމުގެ މަސައްކަތް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ ގިނަ ޒުވާނުން ދާއިރާއަށް ވަދެ، އިންވެސްޓުކުރާ ދުވަހެވެ. އަދި ވަކިން ޚާއްސަކޮށް ޖެނެރަލް މެނޭޖަރުން ފަދަ، ދާއިރާގެ އެންމެ ސީނިއާ މަގާމުތައް އެއީ ދިވެހިން ފުރާ މަގާމުތަކަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.