ސިވިލްސާވެންޓުން ހޮވުމުގެ ހުރިހާ މަރުހަލާއެއް އޮންލައިންކޮށްފި

ސިވިލް ސާވަންޓުން: މުވައްޒަފުން ހޮވުމާއި އައްޔަނުކުރުމުގެ ހުރިހާ މަރުހަލާއެއް މިއަދުން ފެށިގެން އޮންލައިންކޮށްފި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސިވިލް ސާވިސް މުވައްޒަފުން ހޮވުމާއި އައްޔަނުކުރުމުގެ ހުރިހާ މަރުހަލާއެއް މިއަދުން ފެށިގެން އޮންލައިންކޮށް ކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު މިއަދު ވިދާޅުވެއްޖެއެވެ.

މިއީ ކަރުދާހާ ނުލާ އޮންލައިންކޮށް މި މަސައްކަތް ރާއްޖޭގައި ކުރިއަށް ގެންދެވޭ ފުރަތަމަ ފަހަރެވެ.

ދިވެހި ސިވިލް ސާވިސް ކޮންފަރެންސް 2024 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް ނާސިހު ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާއަށް އިއުލާނުކުރުމާއި، ވަޒީފާއަށް ކުރިމަތިލުމާއި، ވަޒީފާއަށް ހޮވަންޖެހޭ ހުރިހާ މަސައްކަތަކާއި، މުވައްޒަފު އައްޔަނުކުރުމާ ހަމައަށް، މި ހުރިހާ މަރުހަލާއެއްގެ މަސައްކަތް އޮންލައިންކޮށް ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އަދި މިއަދުން ފެށިގެން އެ ހުރިހާ މަރުހަލާއެއްގެ މަސައްކަތް އޮންލައިންކޮށް ކުރަން ފަށާފައިވާ ކަމަށް ނާސިހު ވިދާޅުވިއެވެ.

އެގޮތުން އެ މުވައްޒަފުން މަސައްކަތްކުރާ ގޮތާއި، މަސައްކަތުގެ ފެންވަރާއި މިންވަރު ދުވަހުން ދުވަހަށް ފެނިގެންދާނެއެވެ.

އަދި ފަސޭހަކަމާއެކު މުވައްޒަފުންގެ މަސައްކަތް ވަޒަން ކުރުމަށް މަގު ފަހިވެގެންދާނެއެވެ.

ސިވިލް ސާވަންޓުން: މުވައްޒަފުން ހޮވުމާއި އައްޔަނުކުރުމުގެ ހުރިހާ މަރުހަލާއެއް މިއަދުން ފެށިގެން އޮންލައިންކޮށްފި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނާސިހު ވިދާޅުވީ މީގެ ސަބަބުން 30 ހާހެއްހާ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ދައުލަތުގެ ބަޖެޓުން ކުރަމުން ދިޔަ ހޭދަ އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށެވެ.

"ދުރު ނޫން މުސްތަގުބަލެއްގައި އަޅުގަނޑުމެންގެ އަމާޒަކީ ސީއެސްގެ އޮންލައިން ޕޯޓަލް އިތުރަށް ތަރައްގީކުރެވި، މުވައްޒަފުންނަށް ތަމްރީނު ދިނުމާއި، އިމްތިހާނު ދިނުމާއި، ކުށުގެ ރެކޯޑު ބެލެހެއްޓުމާއި، ޝަކުވާ ހުށަހެޅުމާއި މައްސަލަ ބެލުމުގެ ނިޒާމު ހަރުދަނާކުރުމާއި ޗުއްޓީގެ ރެކޯޑު ބެލެހެއްޓުން ފަދަ ކަންކަން އެއް ޕްލެޓްފޯމަކުން ސިންގަލް ވިންޑޯއެއްގެ ތެރެއިން ކުރުން. އޭރުން ޚަރަދުކުޑަކޮށް އަވަސް ޚިދުމަތް ރައްޔިތުންނަށް ދެވޭނެ،" ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު

މީގެ އިތުރުން ނާސިހު ވިދާޅުވީ، މިހާރު ފިނޭންސް މިނިސްޓްރީގެ ސިސްޓަމާއި ސީއެސް ވިއުގަ ގުޅާލެވިފައިވާތީ ކުރިއަށް އޮތް ތަނުގައި މުވައްޒަފުންނަށް މުސާރަ ދިނުމުގެ ކަންކަން ދެ ފުށް ފެންނަ ގޮތަކަށް ރެކޯޑު ބެލެހެއްޓިގެންދާނެ ކަމަށެވެ.

މި ހުރިހާ ކަމަކީ ސީއެސް މުވައްޒަފުން ޒިންމާދާރުކޮށް ކޮމިޝަންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރި މުހިންމު މަސައްކަތްތަކެއް ކަމަށް ނާސިހު ވިދާޅުވިއެވެ.

ދެހާސް ސާދަ ވަނަ އަހަރު އެންމެ ފުރަތަމަ ދިވެހި ސިވިލް ސާވިސް ކޮންފަރެންސެއް ބާއްވާފައިވާއިރު މިއީ މިފަދަ ހަތަރު ވަނަ ކޮންފަރެންސެވެ.

މި އަހަރުގެ މި ކޮންފަރެންސްގެ ޝިއާރަކީ "ސްމާޓް ގަވަނަންސް ފޯ ސާވިސް އެކްސަލަންސް"އެވެ.

މި ކޮންފަރެންސަކީ، ސިވިލް ސާވިސްއިން ދެމުންދާ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަގްސަދުގައި އިލްމީ ދިރާސާތަކެއްގެ މައްޗަށް އެކުލެވިގެންވާ ހުށަހެޅުންތަކެއް ހުށަހަޅާ، އެއަށް ބަހުސްކުރުމަށްފަހު، ކުރިއަށްދާނެ މަގު ޗާޓެއް އެކުލަވާލުމަށް ބޭއްވޭ ކޮންފަރެންސެކެވެ.

މި އަހަރުގެ ކޮންފަރެންސް އިފްތިތާހުކޮށްދެއްވާ މި ކޮންފަރެންސްގެ ފޮތް ރަސްމީކޮށް ނެރެދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

މި ކޮންފަރެންސް ބާއްވާފައި މި ވަނީ ފަސް އަހަރުގެ މެދުކަނޑުމަކަށް ފަހުއެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ އަމާޒަކީ ކޮންމެ ދެ އަހަރުން އެއް އަހަރު މި ކޮންފަރެންސް ބޭއްވުން ކަމަށެވެ.

comment ކޮމެންޓް