މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަށްދޭ އެލަވަންސް، މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން ދެނީ

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް: މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަށްދޭ އެލަވަންސް، މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން ދެނީ -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރާ ޖަމާއަތްތެރިންނަށްދޭ އެލަވަންސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އުވާލުމާއެކު، އެ އެލަވަންސް މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން ދިނުމަށް އެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުންނަށް މިމަހުގެ ހަވަނަ ދުވަހު ސީއެސްސީން ފޮނުވި ސާކިއުލާއެއްގައި ވަނީ، މަރުވާ މީހުން ވަޅުމުގެ މަސައްކަތްކުރާ މީހުންނަށްދޭ "ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް" އެ ދުވަހުން ފެށިގެން އުވާލައިފައިވާ ކަމަށެވެ.

އެއާއެކު މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސީއެސްސީން އެ އެލަވަންސް ކަނޑާލުމުން ކޮންމެ ޖަމާއަތްތެރިއަކަށް 1،500 ރުފިޔާ ކެނޑޭ ކަމަށެވެ. އެހެންކަމުން އެ ކައުންސިލްގެ ބަޖެޓުން ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް ހަމަޖެއްސުމަށް މޭޔަރު ވަނީ ހުށަހަޅުއްވައިފައެވެ.

އެކަން ހުށަހަޅުއްވައި އާޒިމް ވިދާޅުވީ، މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަކީ ވަރަށް މުހިންމު މަސައްކަތެއް ކުރާ ބައެއް ކަމަށެވެ. އެހެންކަމުން ކުއްލިއަކަށް އެ ފަރާތްތަކުގެ އެލަވަންސް ކަނޑާލުމަކީ އެއްގޮތަކަށް ވެސް އިންސާފުވެރި ގޮތެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

https://sun.mv/203490

އެ ހުށަހެޅުން ފާސްކުރީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ތާއީދާއެކުއެވެ.

ޖަމާއަތްތެރިންނާއި ގަބުރުސްތާން މަސައްކަތު އެލަވަންސަކީ މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެކެވެ. މީގެ ކުރިން އެ އެލަވަންސް ދެމުން އައީ، އެ މީހުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 50 ރުފިޔާގެ މަގުންނެވެ.

މި ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެލަވަންސްތަކަށް ބަދަލު ގެނައުމަށް ވަނީ ނިންމައިފައިވެއެވެ. އެގޮތުން ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 'ޑަަބަލް ޕެންޝަން' ލިބޭ އިދާރާތަކުން އަލަށް ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން މިދިޔަ ނޮވެންބަރު މަހު ސަރުކާރުން ނިންމިއެވެ. ނަމަވެސް، އެ ނިންމުން ބަދަލުކޮށް އެ އެލަވަންސް ދޭން ފަހުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް