ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތަށް ހުޅުވާލާފައި ވަނީ ސީއެސްސީގެ ނައިބު ރައީސް ކަމުގައި ހުންނެވި އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައި ވަނިކޮށް، އޭނާ އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ ސީއެސްސީގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މާރިޗު 19، 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި މެންބަރުކަމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މާރިޗު 19 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 13:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ރަޝީދު މަގާމުން އިސްތިއުފާ ދެއްވިކަން "ސަން"އަށް އިއްޔެ ކަށަވަރުކޮށްދެއްވައި ވިދާޅުވީ، އިސްތިއުފާ ދެއްވި ވަކި ސަބަބެއް ނެތް ކަމަށެވެ.

ސީއެސްސީގެ ނައިބު ރައީސް އިބްރާހީމް ރަޝީދު: ވަކިކުރަން އުޅެނިކޮށް އޭނާ ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ސީއެސްސީ
އޭނާ އިސްތިއުފާ ދެއްވިއިރު، މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އޭނާ މަގާމުން ވަކިކުރަން ފާސްކޮށް، އެ މައްސަލަ ތަޅުމަށް ފޮނުވައިފައެވެ. އެގޮތަށް ފާސްކުރިކަން ޔަގީންވި ނަމަވެސް، ކޮމިޓީގެ ބައްދަލުވުން ކުރިއަށްގެންދިޔައީ މައިކް އޮފްކޮށްގެން ކަމުން، ރަޝީދާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައިގެ ތަފުސީލެއް ލިބިފައިނުވެއެވެ.
ދައުލަތަށް 25 އަހަރު ޚިދުމަތް ކުރައްވާފައިވާ ރަޝީދު ސީއެސްސީގެ ނައިބަކަށް އައްޔަނުކުރީ 2020ގައެވެ.
ސީއެސްސީގެ ރައީސް މުހައްމަދު ނާސިހުގެ ނަން ހިމެނޭ ގޮތަށް، މިނިވަން މުއައްސަސާތަކުގެ މެންބަރުންތަކެއް ވަކިކުރަން މަޖިލީހުން މިދިޔަ ނޮވެންބަރު މަހުގެ 12ގައި ކޮމިޓީއަށް ފޮނުވިއެވެ. އެހެންނަމަވެސް ކޮމިޓީން ނިންމީ ނާސިހު ވަކިނުކުރުމަށެވެ.
އެ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވި ނަންތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނަންތަކެއް ހިމެނުނުއިރު، އޭގެ ތެރެއިން ވަކިކުރަން ތަޅުމުން ފާސްކުރީ އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފެވެ. އަދި އޭގެ ތެރޭގައި ހިމެނޭ އޭސީސީގެ ދެ ބޭފުޅުން ވޯޓު ނެގުމުގެ ކުރިން އިސްތިއުފާ ދެއްވިއެވެ.