ހިނިތުންވުމާއެކު ޚިދުމަތް ދިނުމަށް ސިވިލްސާވެންޓުންގެ ކިބައިން އެދިވަޑައިގެންފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް: ދިވެހި ސިވިލް ސާވިސް ކޮންފަރެންސް 2024ގައި އެމަނިކުފާނު އެދިވަޑައިގަތީ ހިނިތުންވުމާއި އޯގާތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްދިނުމަށް -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރެއް ހިންގުމަށްޓަކައި ސިވިލް ސާވިސްގެ ބޭނުން ބޮޑުކަމަށާއި، ސިވިލް ސާވިސްގެ މުވައްޒަފުނަކީ ހިނިތުންވުމާއި އޯގާތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްދޭ ބަޔަކަށް ވުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު އެދިވަޑައިގެންފިއެވެ.

ދިވެހި ސިވިލް ސާވިސް ކޮންފަރެންސް 2024 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ނައިބު ރައީސް ވިދާޅުވީ، އޭރަކު އޮންނަ ސަރުކާރަކުން އަމާޒު ހިފާ ކަންކަން ކުރުމަށާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް މަސައްކަތްކުރާ އެއް ބަޔަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށެވެ.

ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ވަރަށް ކެތްތެރިކަމާ ކަމޭހިތުމާއެކު އަދާކުރަންޖެހޭ ވަރަށް ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ ކޮންމެ ވުޒާރާއަކާ ކޮންމެ އޮފީހަކުން ވެސް ފަސޭހަކަމާއެކު ޚިދުމަތް ލިބެން ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމަށެވެ.

އެހެންކަމުން ސަރުކާރެއް ހިންގަން ސިވިލް ސާވިސް ގެ ބޭނުން ބޮޑުކަށާއި އެކަމުގައި ސިވިލް ސާވިސްއިން ބޮޑު ދައުރެއް އަދާކުރާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ޚިދުމަތަކަށް ރައްޔިތަކު ދާއިރު އިސްތިގުބާލުކުރަން ތިބޭނީ ސިވިލް ސާވިސް މުވައްޒަފަކު. ރައްޔިތުންގެ އަޑު އަހަން، ސުވާލުތަކަށް ޖަވާބުދާރީވާން، ކަންކަން ފަހިކޮށްދޭން، ހަލުވިކޮށްދޭން، މަގުފަހިކޮށްދޭން ތިބޭނީ ހަމަ ސިވިލް ސާވިސް މުވައްޒަފުން. އެހެންކަމުން ސަރުކާރެއް ހިންގުމަށް ސިވިލް ސާވިސް މުވައްޒަފުން ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ. ސިވިލް ސާވިސްގެ އެއްބާރުލުމާއި އެހީތެރިކަން ދިވެހި ސަރުކާރަށް ބޭނުންވޭ،" ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

މި ރަސްމިއްޔާތުގައި ސިވިލް ސާވިސްގެ މުވައްޒަފުންނާ މުޚާތަބުކުރައްވާ ނައިބު ރައީސް ވަނީ ދެކަމެއް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އެއީ ޚިދުމަތް ހޯދުމަށް އަންނަ ކޮންމެ ދިވެހި ރައްޔިތަކާއި ބިދޭސީއަކަށް ވެސް ހިނިތުންވުމާއި އޯގާތެރިކަމާއެކު ޚިދުމަތްދިނުމަށާއި ޓެކްނޮލޮޖީގެ އެހީގައި ހަލުވިކަމާއެކު އަވަސް ޚިދުމަތް ދިނުމަށެވެ.

ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ މުހިންމު މޮޓޯއަކީ، ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް ހަލުވިކޮށް، ޒަމާނީ ކުރައްވާ، ރައްޔިތުން އެދޭ އަމާޒަށް ޚިދުމަތުގެ ފެންވަރު ގެންގޮސްދެއްވުމަށް ރެއާ ދުވާލު މަސައްކަތްކުރެއްވުން ކަމަށެވެ.

އަދި ރައީސްގެ މި އަމާޒަށް ވާސިލުވުމަށް މަސައްކަތްކޮށްދެއްވުމަށް އެމަނިކުފާނު ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ދިވެހި ސިވިލް ސާވިސް ކޮންފަރެންސްގެ ފޮތް ނެރެދެއްވާފައެވެ.

މިއަދު އިފްތިތާހުކުރެވުނު ސިވިލް ސާވިސް ކޮންފަރެންސަކީ މިގޮތަށް ބޭއްވުނު ހަތަރު ވަނަ ކޮންފަރެންސެވެ. މި ކޮންފަރެންސް ބާއްވާފައި މިވަނީ ފަސް އަހަރުގެ މެދުކަނޑުމަކަށް ފަހުއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ އަމާޒަކީ ކޮންމެ ދެ އަހަރުން އެއް އަހަރު މި ކޮންފަރެންސް ބޭއްވުން ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަން އުފެދިގެން އައީ 2007 ވަނަ އަހަރުއެވެ.

comment ކޮމެންޓް