ގޯއްޗާއި ފްލެޓުތައް ވާނުވާއެއްގައި، ލިބޭނެތަ؟

ބިންވެރިޔާ ސްކީމުން ބިން ދޫކުރުން -- ސަން ފޮޓޯ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މާލޭގެ ރަށްވެހިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަށް ހޯއްދަވައިދެއްވި ހައްލަކީ ގޯއްޗާއި ފްލެޓް ދޫކުރުމެވެ. ދައުރު ނިމެން ކުޑަތަންވެފައި އޮއްވައި ގިނަ އަދަދެއްގެ ރައްޔިތުންނަށް ލިޔުންތައް ހަވާލުކުރެއްވިއެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި މާލެ ސަރަހައްދުން ދޫކުރަން ނިންމިއެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ފުރަތަމަ ދޫކުރަން ނިންމިއެވެ.

ވެރިކަން ބަދަލުވީއިރު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތަށް އަވަސް ދުވެލީގައި އެ މަސައްކަތް ކުރިއަށް ނުދިއުމެވެ.

ގޯއްޗާއި ފްލެޓް ދިނުމުގެ ތެދުވެރި ނިޔަތެއް އެބައޮތްތަ؟

ރައްޔިތުންނަށް ކިރިޔާ ވެސް އުންމީދެއް ލިބުނު އިސްލާހު ތަސްދީގު ނުކުރައްވައި ދޫކޮށްލުމާއި، ބިންތަކާއި ފްލެޓުތަކުގެ މައްސަލަ އިންތިހާއަށް ލަސްވެގެން ދިޔަ ދިއުމާއެކު ގިނަ އަދަދެއްގެ މާލޭ ރައްޔިތުން އުފައްދާ ބޮޑު ސުވާލެއް އެބައޮތެެވެ. އެއީ ވެރިކަމަށް ވަޑައިގަންނަވަން ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތަށް އެ ހަލުވި ދުވެލީގައި އެކަން ކޮށްދިނުމުގެ ތެދުވެރި ނިޔަތް އެބަ އޮތްބާވައެެވެ.

"އަޅުގަނޑުމެންނަށް ދީފައި އޮތް ގޯތި އަތަށް ލިބުނީމާ އެތަން ހަދައިގެން ދެއްތޯ މިހާރު މި އުޅޭ ކޮޓަރިގަނޑުން ނިކުމެވޭ ގޮތް ވާނީ ވެސް. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިޔުން ދިން ތަނެއް. އިތުރު އެއް އަހަރު މި ވަނީ. ވާނުވާއެއް ނޭނގޭ،" އާންމު ރައްޔިތަކު ބުންޏެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން: ގޯތީގެ ރަޖިސްޓަރީ ދިނުން ހުއްޓިފައި އޮތުމަށް ފަހު މި ސަރުކާރުން ވަނީ އިއްޔެ އެ މަސައްކަތް އަލުން ފަށައިފައި -- ސަން ފޮޓޯ/ މާހިލް އާތިފް

ނިޔަތާމެދު އިތުރު ބަޔަކު ސުވާލު އުފައްދާ ހިސާބަކީ، މިހާރު ވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން ހިއްކައިފައި ހުރި ސަރަހައްދުން ދޫކުރި ގޯތިތައް ދިނުން އަދިވެސް ލަސްވުމެވެ. އަދި ގޯތިތައް މަތިން ގޮސްފައިހުރި ނަރުދަމާ ހޮޅިތަކާއި، ފެން ހޮޅިތައް ނެގުމުގެ މަސައްކަތުގެ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކުރެވިފައި ނުވުމެވެ.

އެގޮތުން ތަކުރާރުކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެ ކަމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދަން އެދިގެން ވެސް ލިބުނު ޖަވާބެއް، ދައްކާނެ ވާހަކައެއް ނެތެވެ. ނަމަވެސް އެ ކުންފުނީގެ ބައެއް އިސް މުވައްޒަފުންގެ ވާހަކަތައް ހުރި ގޮތުން އަދި އެއީ މާ އަވަހަށް ނިމޭނެ ކަމެއް ނޫންކަން އެނގެއެވެ.

އެގޮތުން ބައެއް ބިންތަކުގައި ހުރި މަސައްކަތު ސައިޓުތައް ނެގުމަށް ދައްކަންޖެހޭ ބައެއް ފައިސާ ހުރުމާއި، އެ ނޫން ވެސް ދަތިތައް ހުރިކަމަށް ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކި އިސް ބޭފުޅަކު ވިދާޅުވިއެވެ.

"އަދި ހިޔެއް ނުވޭ، މި އަހަރު ނިމޭއިރުގައި ވެސް އެ ތަންތަން ކްލިއާ ކުރެވޭނެހެން. ވަރަށް ބައިވަރު މަސައްކަތް އަދި އޮތީ. އެ ކަން އަވަސްކުރުމަށް ކުރެވޭ މާ ބޮޑު މަސައްކަތެއް ނެތް. ލާރި ނެތީ،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ފްލެޓް ކޮމިޓީގެ މަސައްކަތް ވެސް އޮތް ހިސާބެއް ނޭނގެއެވެ. ސަރުކާރުން ބުނި ގޮތުގައި އެ މަސައްކަތް ނިންމަން އަމާޒު ހިފައިފައި އޮތީ ފްލެޓުތައް ނިމުމުގެ ކުރިންނެވެ.

ރައްޔިތުން ބޭނުންވާ ކަންކަމުގައި، ނުވަތަ ސަރުކާރަކުން ރައްޔިތުންނަށް ދީފައިވާ ގާނޫނީ ލިޔުމަކުން ކަށަވަރުކޮށްދީފައިވާ ތަަނެއް ދިނުމުގައި ހުރި ހުރަސްތައް ނައްތައިލުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އެއީ ދިގުދަންމަމުން ދާންވީ ކަމެއް ނޫނެވެ.

ބޭރުކޮށްލީ ބިންވެރީންނަށް އޮތް ހަމައެކަނި އުންމީދު

ރައްޔިތުންނަށް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް ވީ އެންމެ އަވަހަަކަށް ހަވާލުކުރުމަށް ކުރާ ވަކާލާތުތަކުގެ އަޑު މަޑުވެފައި އޮއްވައި ގިނަ ބަޔަކަށް އުންމީދެއް ލިބުނީ މަޖިލީހަށް ހުށަހެޅި ބިމާ ބެހޭ ޤާނޫނުގެ އިސްލާހުންނެވެ.

އެމްޑީޕީގެ ފަރާތުން ދެވަނަ ދައުރަށް ހޮވިވަޑައިގެންނެވި މީކާއިލް އަހްމަދު ނަސީމް މިދިޔަ 19ވަނަ ދައުރުގައި ހުށަހެޅުއްވި އެ ބިލުގައި ބިންތައް ހަވާލުކުރަން ވަކި މުއްދަތެއް އޮތީ ކަނޑައަޅައިފައެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން -- ފޮޓޯ/ މަޖިލީސް

މެންބަރު މީކާއިލް ހުށަހެޅުއްވި ބިލުގައިވަނީ ދާއިމީ ލިސްޓު ގެޒެޓުކޮށް ޝާއިއުކުރުމަށް ފަހު، ހަވާލުކޮށްފައިނުވާ ގޯތިތައް، ބިލު ފާސްވެ، ގާނޫނަކަށްވުމަށް ފަހު އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސް ތެރޭ ހަވާލުކުރަން ވާނޭ ކަމަށެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒު އެ ބިލު ތަސްދީގުނުކުރައްވައި ފޮނުވައިލެއްވީ އެއީ ނަތީޖާ ނުނެރެވޭނެ ކަމެއް ކަމަށް ވިދާޅުވެއެވެ.

ރައީސް ވިދާޅުވީ، އެ ބިލުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެ ގޯތިތައް ދޫކުރުމަކީ އަމަލީގޮތުން ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމުގައި ފާހަގަކުރެވޭ ކަމަށެވެ. އެއީ، ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާއިރު، ނުހިއްކާ ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރަން ތިން މަސް ދުވަހަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމުންނެވެ.

"އަޅުގަނޑު ހަމަ ވަރަށް ދެކޮޅު ކަމެއް އެ އިސްލާހު ބޭރުކުރުމަކީ. އޭގައި ދެއްތޯ ވަކި މުއްދަތެއް މި އޮތީ. މިހާރު ރައީސަކަށް ވެސް އެހެން ބޭފުޅަކަށް ވެސް ސީދާ ނުބުނެވޭ ވަކި ތާރީޚެއް ތެރޭގައި ހަވާލުކުރާނަމޭ. އެއީ ދެން އެހެންވީމާ މަޑުކުރަން ޖެހޭނީ ކިހާ ދުވަހަކަށް ކަމެއް ނޭނގެ ދޯ،" އާންމު ރައްޔިތަކު ބުންޏެވެ.

ބޯހިޔާވަހިކަމަށް އުންމީދެއް ލިބުނު ގިނަ ބަޔަކު މިހާރު ވެސް ބޭނުންވެފައިވަނީ ލިބުނު ގޯއްޗާއި ފްލެޓު ވީ އެންމެ އަވަހަކަށް އަތަށް ލިބޭނެ ދުވަހެކެވެ. ނަމަވެސް އެ ކަމަށް މުޅި މި ދައުރު ހޭދަކުރުމަކީ ބޭނުންވާ ގޮތެއް ނޫނެވެ.

ސަރުކާރުން ބުނަނީ ކީކޭ؟

ގޯއްޗާއި ފްލެޓުތަކުގެ މައްސަަލައިގައި "ސަން"އާ ވާހަަކަދައްކަވަމުން، މާލޭ ރަށްވެހީންގެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރެއްވި، މިހާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދިލްޝާން އަބްދުﷲ ވިދާޅުވީ މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރެެވެމުން އަންނަ ކަމަށެވެ.

އަދި އެކި މީސްމީހުންނާއެކު ބާއްވަން ޖެހޭ ބައްދަލުވުންތައް ވެސް ބާއްވަމުން އަންނަކަމަށާއި މަސައްކަތުގައި ކުރިއެރުން ވެސް ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް އެންމެ ބޮޑު ގޮންޖެހުމަކީ ނިމިދިޔަ ސަރުކާރުން އެ ކަން ކުރިިއިރު ޕްލޭންކޮށްފައި ނެތުން ކަމަށް ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި -- ފޮޓޯ/ ޕީއެސްއެމް، އެޗްޑީސީ !

"އަދި އޭގެ އިތުރުން އެހެން މަސައްކަތްތަކަށް އެލޮކޭޓްކޮށްފައިވާ ބިންތަކުން ވެސް މާލެ ރައްޔިތުންނަށް ގޯތި ދީފައިވާކަން އަޅުގަނޑު ފާހަގަކޮށްލާނަން. އެޗްޑީސީއާ މިހާރު އެކަމުގެ މަސައްކަތްތައް ހަވާލުކޮށް ދަނީ ކުރަމުން. ދަތިތަކެއް އެބަހުރި އެކިއެކި މަސައްކަތްތަކަށް ޚާއްސަކޮށްފައި ހުރި ބިންތައް ހުސްކުރާއިރު،" ދިލްޝާން ފާހަގަކުރެއްވިއެވެ.

ނަމަވެސް މަސައްކަތްކުރަނީ އަވަސްކުރުމަށް ކަަމަށް ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިޚާބެއް ނިމިއްޖެއެވެ. އެ އިންތިޚާބަށް މާ ގިނަ ދުވަހެއްނުވެ އިހަށްދުވަހު މި ނިމުނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބެވެ. މެމްބަރުން ހުވައިކުރައްވައިފިއެވެ. ހުރިހާ ބާރެއް އޮތީ ވެރިކަން ކުރާ ޕީއެންސީ އަތުގައެވެ. ކުރިއަށް އޮތީ ލޯކަލް ކައުންސިލުގެ އިންތިޚާބެވެ.

ބޯހިޔާވަހިކަމަށް އޮތް ދައްޗަށް ހައްލު ހުށަހެޅުމަކީ ވޯޓު ހޯދުމުގެ އިންތިޚާބީ އުކުޅެކެވެ. ފަހަރުގައި އަދިވެސް ގޯއްޗާއި ފްލެޓުތަކުގެ މަސައްކަތް ލަސްވަމުން ދަނީ އަދި އެއް އިންތިޚާބު އޮތީމާ ކަަމަށް ވެދާނެއެވެ.

އެހެންނަމަވެސް މި ކަން ހައްލުކޮށް ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް މި ކަމުގައި ތަފްސީލީ މައުލޫމާތު އެނގެން ޖެހެއެވެ.

comment ކޮމެންޓް