ފިޝަރީޒް މިނިސްޓްރީއާއި ސިޓީ ކައުންސިލް އަދި ވެމްކޯ ގުޅިގެން މާލޭ ފަޅުތެރެ ސާފުކޮށްފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން މާލޭގެ ދެކުނުފަރާތުގެ ފަޅުތެރެ ސާފުކުރުން --

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލާއި ފިޝަރީޒް މިނިސްޓްރީ އަދި ވެމްކޯ ގުޅިގެން މާލެ ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި މާލޭ ދެކުނުފަރާތުގެ ފަޅުތެރެ ސާފުކުރިއިރު، ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމާއި، މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން، ވެމްކޯގެ އިސްވެރިންނާއި މުވައްޒަފުން ވެސް އަމަލީ ގޮތުން ބައިވެރިވިއެވެ.

މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ޝިޔާމްވަނީ ރާއްޖޭގެ ކަނޑުފަޅުތައް ސާފުކޮށް ބެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

އަދި މޫދަށް ކުނިއެޅުން ނިމުމަކަށް ގެނައުމަށް ފަރުދީގޮތުން އެންމެން ގުޅިގެން މަސައްކަތްކުރަން މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުގައި ވެސް ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ތީމަކީ "ކަނޑުތަކާއި މޫސުމަށް ހެޔޮ ބަދަލު ގެނައުމުގެ މަސައްކަތް ހަލުވިކުރުން" މިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ އަށްވަނަ ދުވަހެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރީ 1992ވަނަ އަހަރުގައެވެ.

comment ކޮމެންޓް